ބ. ހިތާދޫގައި މިހާރުވެސް
ޖާގަ ތަނަވަސް ކައުންސިލު އިމާރާތެއް ހުއްޓައި، މުހިއްމު އެތައް މަޝްރޫއެއް އެއްފަރާތް
ކުރުމަށްފަހު އައު ކައުންސިލު އިދާރާއެއް އެޅުމަކީ އެއްވެސް ވަރަކަށް ބޭނުންވާ މަޝްރޫއެއް
ނޫން ކަމަށާއި މިއީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށް އެ ރަށު ކައުންސިލުން ބުނެފި
އެވެ.
މި މަޝްރޫއާ
ގުޅޭގޮތުން ހިތާދޫ ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައި ވަނީ މިކަމާ
ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކައުންސިލުން
ބުނީ މިދިޔަ ދައުރުގައި ވެސް ރަށަށް މުހިއްމު މަޝްރޫއުތައް އިސްކަންދޭ ތަރުތީބުން ރައީސްގެ
ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ލިސްޓެއްގައި ވެސް
ކައުންސިލު އިދާރާގެ އައު އިމާރާތެއްގެ ވާހަކައެއް ނޯންނާނެ ކަމަށް ކައުންސިލުން ފާހަގަކުރި
އެވެ.
ކައުންސިލުން
ހާމަކުރި ގޮތުގައި މިހާރު ކައުންސިލު އިދާރާ ހިންގަމުންދަނީ މުޅި ބ. އަތޮޅުގައި ވެސް
އެންމެ ފެންވަރު ރަނގަޅު އެއް އިމާރާތުގަ އެވެ. އެހެންކަމުން އައު ކައުންސިލު އިދާރާއެއް
އެޅުމަށް ޚަރަދު ކުރުމަށްވުރެ މުހިއްމު އެތައް ކަމެއް މިހާރު ވެސް އެބަހުރި ކަމަށް ކައުންސިލުން
ބުނެ އެވެ.
ކައުންސިލަށް
ޤަބޫލު ކުރެވޭ ގޮތުގައި މިއީ ރައްޔިތުންނަށް ކުރި މަލާމާތެއް ނުވަތަ ޖެއްސުމެކެވެ.
ހިތާދޫ ކައުންސިލުން
ވަނީ މި މަޝްރޫއަށްވުރެ ރަށަށް މުހިއްމު އެހެނިހެން ކަންކަމަށް އިސްކަން ދިނުމަށް ގޮވާލާފަ
އެވެ. އެގޮތުން ރަށުގެ ތަރައްޤީއަށް އިސްކަން ދޭންޖެހޭ އެހެނިހެން ކަންކަން ހުރިއިރު
މިފަދަ މަޝްރޫއަކަށް ބޮޑެތި ޚަރަދުތަކެއް ކުރުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުކުރުން
ކަމަށް އެ ކައުންސިލުން ދެކެ އެވެ.