މާލޭ ހުޅަނގުފަރާތު ހާބަރު ސަރަހައްދުގައި ހުރި ފުޑްކޯޓުތައް ހުސްކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންގުމާ ގުޅިގެން، އެތަންތަން ހިންގާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މި ފުޑްކޯޓުތައް ހިންގަމުންދާ ވިޔަފާރިވެރިން އާޒިމްއާ ބައްދަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު މާލެ ސިޓީ ކައުންސިލްގެ އިދާރާގަ އެވެ.
މިކަމުގެ މައުލޫމާތު ހިއްސާކޮށް ސިޓީ ކައުންސިލުން ބުނީ އެސްޓީއޯ އިން މި ފުޑްކޯޓުތައް ހިންގާ ފަރާތްތަކަށް ތަން ހުސްކުރުމަށް 90 ދުވަހުގެ ނޯޓިސްއެއް ދީފައި ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް، ކުއްލިއަކަށް ތަން ހުސްކުރަން އެންގުމުގެ ސަބަބުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ވިޔަފާރިތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވިޔަފާރިވެރިން ފާހަގަކުރި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ޕެޓިޝަނުގައި އެދިފައިވަނީ، ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް ބޮޑު ގެއްލުމެއް ނުލިބޭނެ ފަދަ އިންސާފުވެރި ހައްލެއް މި މައްސަލައިގައި ހޯދައިދިނުމަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން މޭޔަރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ މި ވިޔަފާރިތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ވަރަށް ގާތުން ބަލައި އިހުސާސްކުރާ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ގެއްލުން ކުޑަވާނެ ގޮތަކަށް، މިކަމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކައުންސިލުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ވަނީ ދެއްވާފަ އެވެ.