ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރަން ޖެހޭ
ގޮތަށް، ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ދެ ބޭފުޅަކު އައްޔަނުކޮށްފި އެވެ.

މި ދެ ބޭފުޅުންނަކީ ވެސް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓުގެ
ދަށުން ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމަށް އައްޔަނުކޮށްފައިވާ ދެ ބޭފުޅުންނެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު
ލިބިފައިވާ ގޮތުގައި، މި ދެ ބޭފުޅުންނަށް ވަޒީފާ ދިންކަމުގެ ލިޔުމުގައި ވަޒީފާ އަދާކުރަންޖެހޭ
ރަށެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހދ. ހިރިމަރަދޫ އެވެ. ސިޔާސީ މަގާމުތަކުގައި
ތިއްބަވާ މި ދެ ޑިރެކްޓަރުންގެ މުސާރައަކީ މަހަކު 20،000 ރުފިޔާ އެވެ.

ހދ. ހިރިމަރަދޫއަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން
ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެކެވެ. 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ
ތެރޭގައި ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގެ ދަށުން އެ ރަށަކީ މިހާރު އިދާރީ ގޮތުން
ބަލާއިރު، ފަޅު ރަށެކެވެ.

ހިރިމަރަދޫ ފަޅުރަށަކަށް ހެދުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރާއެކު ސަރުކާރުން ކުރިން ނިންމާފައި އޮތީ 18
މަސް ދުވަހުގެ ތެރޭގައި އެ ރަށުގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ނިންމުމަށެވެ.
ނަމަވެސް މިހާރު މަސައްކަތްތައް ހުރި ގޮތުންނާއި އަމަލީ މަސައްކަތް ހުއްޓިފައި
އޮތުމުން ކަނޑައެޅިފައިވާ މުއްދަތަށް އެކަން ވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް އެރަށުގެ ރައްޔިތުން ފާހަގަ ކުރެ އެވެ.

މި މައްސަލައިގައި ރައްޔިތުން ފާޅުކުރާ އެންމެ
ބޮޑު ކަންބޮޑުވުމަކީ ރަށުގެ އިދާރީ ހިންގުން ހުއްޓި، ރައްޔިތުންނަށް ލިބެންޖެހޭ
އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމެވެ. އެގޮތުން މިހާރު ވެސް 300 އަށްވުރެ ގިނަ
ރައްޔިތުން ހިރިމަރަދޫގައި ދިރިއުޅެމުންދާއިރު، ރަށުގެ މުސްތަގުބަލާ މެދު
ރައްޔިތުން ތިބީ "ވާނުވާ" އެއް ނޭނގިފައިވާ ހާލަތެއްގަ އެވެ.

މި މައްސަލައިގައި ރާއްޖެޓީވީއަށް ދެއްވި
އިންޓަވިއުއެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހީމް ވިދާޅުވީ،
ހިރިމަރަދޫ ރައްޔިތުންނަށް ޚާއްސަކޮށްގެން އަޅާ ގެތަކުގެ މަސައްކަތް 18 މަސް
ދުވަހުގެ ތެރޭގައި ނިންމައި ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވެފައިވީ ނަމަވެސް، އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަނީ ވަރަށް ބޮޑަށް
އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުންނާ ހަވާލާދީ އަލީ
އިބްރާހީމް ވިދާޅުވީ، ރަށެއް ފަޅުކޮށްލާފައި އެހެން ރަށަކަށް ބަދަލުވާއިރު
ސަރުކާރުން ގެންގުޅޭ ޕްލޭނެއް އެ ރައްޔިތުންނަށް ވެސް ސާފުނުވާ ކަމަށެވެ. ވަކިން
ޚާއްސަކޮށް، ސަރުކާރުން ބުނާ 184 ގެއަކީ ކޮން ތަނަކުން ލިބޭނެ ގެތަކެއް ކަމެއް
ނުވަތަ އެތަންތަނުގެ ރަޖިސްޓްރީއެއް އޮތްކަމެއް ވެސް އެ ރައްޔިތުންނަށް ނޭނގޭ
ކަމަށް އޭނާ ވިދާޅުވި އެވެ.