ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދީ މައިބަދަ ބިންދައިގެންދާ ފަދަ ނުރައްކާތެރި ހާލަތަކަށް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމަމުންދާ ނިންމުންތަކަކީ ހަމައެކަނި ގާބިލުކަން ނެތުމުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ދެން ބެލެވެން ނެތް ކަމަށާއި، މިއީ ރާއްޖޭގެ އިގުތިސާދު ނިޒާމީ ގޮތެއްގައި ފުނޑާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. 

ސަރުކާރުން އަލަށް ތައާރަފުކުރި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމަށް ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ، މި ބަދަލުތަކަކީ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ފުށުއަރާ، ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

މިފަދަ ސިޔާސަތުތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމުގެ ބަދަލުގައި، ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ނުރައްކާތެރި އަދި ވިޔަފާރިކުރަން އުނދަގޫ މަންޒިލެއްގެ ގޮތުގައި ބޭރު ދުނިޔެއަށް މިހާރު ފެންނަން ފަށާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ބަލާއިރު ރާއްޖެއާ ވާދަކުރާ އެހެން ގައުމުތަކުން ވަރުގަދަ ކެމްޕޭންތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ސިޔާސަތުތަކަށް މި ސަރުކާރުން ގެންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ޓުއާ އޮޕަރޭޓަރުން ރާއްޖެ ވިއްކާލުން ހުއްޓާލުމުގެ ބިރު އެބައޮތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. ވިޔަފާރިތަކަށް ފައިދާނުވާ ނަމަ، ބޭރުގެ އެޖެންޓުން ރާއްޖޭގެ ބަދަލުގައި އެހެން މަންޒިލްތަކަށް ފަތުރުވެރިން ފޮނުވަން ފަށާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

ފައްޔާޒް ވިދާޅުވީ ރައީސްގެ އެންމެ އިޝާރާތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހެން ފަށާފައިވާއިރު، މީގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި ރިސޯޓުތަކަށް ނޫން ކަމަށެވެ. މުޅި އިގުތިސާދަށް އަންނަ މި ލޮޅުމުގެ ސަބަބުން އެތައް ހާސް ދިވެހި މުވައްޒަފުންގެ ވަޒީފާ ގެއްލި، އާންމު ވިޔަފާރިތައް ބަނގުރޫޓުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ގައުމުގެ އިގުތިސާދީ "ރަންބިސް އަޅާ ކުކުޅު" ކަމަށްވާ ފަތުރުވެރިކަން ހަލާކުކޮށްލުމަކީ މުޅި ގައުމު ބަނގުރޫޓުވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން، ސިޔާސަތުތައް އެކުލަވާލުމުގައި އޭގެ ދުރު ރާސްތާގެ ނަތީޖާއަށް ނުބަލައި، އަވަސްއަރުވާލައިގެން ނިންމުންތައް ނިންމުން ހުއްޓާލުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. މިހާރު ކުރިމަތިވެފައިވާ ސީރިއަސް ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި، ސިޔާސަތުތައް އިސްލާހު ކުރުމަށް ވެސް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ. 

މިކަންކަމުން ހާމަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ބޭނުންވެފައިވާ މިންވަރުކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، އެންމެ މީހަކަށް މުޅި ގައުމު ހަލާކުކޮށްލުމުގެ ބާރު ލިބިފައި އޮތުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، މި ނިޒާމު މުޅިން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.