މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރު އެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މީގެ ތެރެއިން އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުން ގެންދަނީ އައިޖީއެމް ހޮސްޕިޓަލުގަ އެވެ.

ފުލުހުންގެ ހާމަ ކުރިގޮތުގައި، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ތިން މީހަކަށް އެކިވަރުގެ ބޮޑެތި އަނިޔާތައް ލިބިފައިވާ މަންޒަރު ފެނެ އެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ހަށިގަނޑުން ގިނަ އަދަދަކަށް ލޭ ފައިބައިފައިވާ މަންޒަރު ވީޑިއޯއިން ފެންނައިރު، އަނިޔާވި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި ދެ މީހުން އޮތީ އެއްވެސް ހަރަކާތެއް ނެތި ކަމަށް ބެލެވެ އެވެ. އަނެއް މީހާގެ ހޭ ހުރި ނަމަވެސް، އޭނާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.