ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ޖަލުގައި ގެންގުޅުއްވި ގޮތާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ރައީސް ޔާމީން މިފަދައިން ރައްދު ދެއްވާފަ މިވަނީ، ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް، 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން ކުޑަ ގޮޅީގައި ތިއްބެވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި އެއީ ވަރަށް އުނދަގޫ އިހުސާސެއް ކުރެއްވުނު ކަމެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދާދިފަހުން އެ ދުވަސްވަރުގެ ހަނދާންތައް އައުކުރައްވާފައި ވަނިކޮށެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މައުމޫން ހުންނެވި ތަނަކީ ހަމައެކަނި އެމަނިކުފާނު ހުންނެވި ތަނެއް ނޫން ކަމަށެވެ. އެތަނުގައި ކުރިން ރައީސް މުޙައްމަދު ނަޝީދާއި ޚުދު އެމަނިކުފާނު ވެސް ހުންނެވިކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި ރައީސް މުއިއްޒު އެކަމާ އެހާ ހިތްޕުޅު ބަލިވާ ނަމަ، އެތަން 'ޕެންޓް ހައުސް' އަކަށް ނުވަތަ ފައިވް ސްޓަރ ފެންވަރަށް ބަދަލުކުރެއްވުމަށް ވެސް ޔާމީން ގޮވާލެއްވި އެވެ. މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި ވެސް އެތަނަށް ވަންނަން ތިބީ ރައީސުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފަނޑިޔާރުން ޖަލުގައި ބޭތިއްބެވި ތަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފަނޑިޔާރުން ތިއްބެވީ އާދައިގެ ގޮޅިއެއްގައި ނޫން ކަމަށެވެ. އެ ބޭފުޅުން ބޭތިއްބެވީ މައި ޖަލާ ވަކިން ހުންނަ 'ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް' ގައި ކަމަށާއި، އެއީ އާންމު ގައިދީންނަށް ނުދެވޭ ތަނެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ބަންދުގައި ހުންނެވި ދުވަސްވަރު ދެ ފަހަރަކު ޖަލުން ކަރަންޓު ކެނޑުނެވެ. އަދި އެވަގުތު ޖަލު އޮފިސަރުން އެންމެ އިސްކަމެއް ދީގެން ހަރަކާތްތެރިވީ އެތަނުގައި ތިއްބެވި ރައީސުންނާއި ހާއްސަ ހިމާޔަތް ލިބިފައިވާ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ސަމާސާ ރާގެއްގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެއީ މަތީ ފަންތީގެ ކުށްވެރިން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ޖަލެއް ކަމަށެވެ.
ހެޔޮއެދިވަޑައިގަންނަވަންޏާ ޕެންޓް ހައުސް އަކަށް ހައްދަވާށޭ. ފައިވް ސްޓަރ ފެންވަރަށް ގެންނަވާށޭ. އަޅުގަނޑުމެން ވަރަށް އުފާވާނެ. އަބްދުالله ސައީދާ އަލީ ހަމީދު ހުންނެވިތަން. އެވެސް ރޯ ބުހުތާނު ދޮގު އެ ހައްދަވަނީ. ޖަލުގެ އާދައިގެ ސެލް އަކު ނޫން އެމީހުން ތިބީ. އެމީހުން ތިބޭނީ މައި ޖަލާ ވަކިން. ޖަލުން ވަކިކޮށްފައި ހުންނަ ވަކި ޖަލެއް އެއީ. އެއީ އާއްމު ގައިދީންނާ އެކީ ހުންނަ ތަނެއް ނޫން. އެތަނަށް ކިޔަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް. އެތަނަށް އާއްމު ގައިދީން ނުވެސް ނުކުންނާނެރައީސް ޔާމީން
ހަމައެއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ވެސް "މަލާއިކަތުން" ނޫން ކަމަށާއި އެއީ އާދައިގެ އިންސާނުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ރައީސް މައުމޫނު ޖަލަށް ވަޑައިގަންނަވަން ޖެހުނީ ކީއްވެގެންކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.