20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް މިދިޔަ މެއި މަހުގެ 27 ގެ ނިޔަލަށް  15.92 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅި އާރުޓީއައިއެއްގެ ޖަވާބުގައި އެ އިދާރާއިން ވަނީ ނިމިދިޔަ އަހަރުތަކުގައި މެންބަރުންގެ ހެލްތު އިންޝުއަރެންސް އަށް ހަރަދުކުރި ވަރުގެ ތަފްސީލްތައް ހާމަކޮށްފަ އެވެ. 

އެގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް މުޅި ޖުމްލަ 101.01 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 17 ވަނަ މަޖިލީހުގެ ފަހު އަހަރު މެންބަރުންގެ އިންޝުއަރެންސަށް 2.94 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި 18 ވަނަ މަޖިލީހުގައި މުޅި ޖުމްލަ މެންބަރުންގެ އިންޝުއަރެންސަށް 25.48 މިލިއަން ރުފިޔާ އަދި ކުރީގެ މެންބަރުންނަށް 3.63 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 

ހަމައެއާއެކު، 19 ވަނަ މަޖިލީހުގެ މެންބަރުންގެ ހެލްތް އިންޝުއަރެންސަށް މުޅި ޖުމްލަ 35.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް 10.65 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 

މީގެ އިތުރުން، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިދިޔަ މެއި މަހުގެ ނިޔަލަށް  15.92 މިލިއަން ރުފިޔާ ހަރަދުކުރިއިރު،  ކުރީގެ މެންބަރުންގެ އިންޝުއަރެންސަށް އެ މުއްދަތުގައި 6.79 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވެ އެވެ.

އަދި 2026 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުން 2027 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް 11.3 މިލިއަން ރުފިޔާ މަޖިލީހުގެ މެންބަރުންގެ އިންޝުއަރެންސަށް ވަނީ ބަޖެޓުކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް މިހާ އަގުބޮޑު ހެލްތު އިންޝުއަރެންސްއެއް ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން އަންނަނީ އާންމު ރައްޔިތުން ފާޅުކުރަމުންނެވެ. އެގޮތުން މެންބަރުންނަށް ލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއްގައި 5000ށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.