މިސަރުކާރުން ހޮސްޕިޓަލު އެޅުމުގެ ނަމުގައި ރަށްރަށުގައި ފެށި ޕްރޮޖެކްޓްތައް، އެ ރަށްރަށުގައި ބަލިމަޑުކަން އުފެދޭ ސަބަބަކަށް ވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ މ. މުލަކުގައި މި ސަރުކާރުން ހޮސްޕިޓަލު އަޅަން ކަމަށް ބުނެ ކޮނުނު ވަޅުގަނޑުގައި ފެން ހެދިފައިވުމުން، ރަށުގައި މަދިރި އާލާވެ، ޑެންގޫ ފަދަ ބަލިތައް ރަށުތެރޭގައި ފެތުރުނު ކަމަށެވެ.
އިހުސާން ވަނީ ޑެންގޫ ޖެހިގެން 17 އަހަރުގެ ކުއްޖަކު ވެސް މުލަކުގައި ނިޔާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަށް ބަޔަކު އެކަމުގެ ތަކުލީފު އުފުލަމުން ދާއިރު މިވަގުތު ވެސް ބަލިމަޑުކަން ފެތުރެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
ހޮސްޕިޓަލެއް ނުވަތަ ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބުނެ ފަށާ ޕްރޮޖެކްޓަކުން އަދި އެ ޕްރޮޖެކްޓު ކުރިއަށް ނުދިއުމުގެ އިތުރުން އެކަންކަން މިވަނީ ރަށުގައި ބަލިމަޑުކަން އުފެދޭ ސަބަބަކަށް، ބަލިމަޑުކަން ނެތިނުގޮސް މިއޮންނަނީ އަބަދު އެގޮތަށްމުހައްމަދު އިހުސާން
އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ކަހަލަ ތާކުންތާކު ޖެހޭ ސިޔާސަތެއް ތަންފީޒުނުކުރާ ކަމަށާއި ކުރާ ކަމަކުން ވެސް ރައްޔިތުންނަށް ފައިދާއެއް ނުވާތަނުގައި ވަނީ ގެއްލުން ކަމަށެވެ.
މީގެ އިތުރުން، އިހުސާން ވަނީ އަސާސީ ބޭސް ނުލިބުމުގެ މައްސަލައިގައި މީގެ ކުރިން ރައީސް މުއިއްޒު، މީޑިއާތަކުން ދޮގު ހަދަނީ ކަމަށާއި، ބޭސް އެތެރެކުރާ މީހުންނަކީ މާފިއާ މީހުން އަދި ގައްދާރުން ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ބޭސް ނުލިބޭކަމަށް އިއުތިރާފްވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވާފަ އެވެ.
ރައީސް މުއިއްޒުގެ މިސަރުކާރުން އަންނަނީ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރަށްރަށުގައި ބިންގާ އެޅައި ވަޅުތައް ކޮންނަމުންނެވެ. ނަމަވެސް ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ނުދާކަން ކޮންމެ ރަށަކުން ވެސް އަންނަނީ ފާހަގަކުރަމުންނެވެ. އަދި މަޝްރޫއުތައް ކުރިއަށް ނުދަނީ ފައިނޭންސް ހަމަނުޖެހިގެން ކަމަށް ވެސް ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ.