ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ބޯޑަށް އަހުމަދު ނިޒާމް އައްޔަނުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި  ބުނެފައިވަނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް، ދ.މީދޫ، އަސަރީގެ، އަހުމަދު ނިޒާމް  20 ސެޕްޓެމްބަރު 2026 އިން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ. 

މި ސަރުކާރުގެ ކުރީކޮޅު ނިޒާމް ވަނީ  ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފަ އެވެ. 

މީގެ އިތުރުން، ނިޒާމް ވަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި ޚިދުމަތްކުރައްވާފަ އެވެ. އެގޮތުން ކޯސްޓްގާޑު ފްލީޓުގެ ޑައިވަރެއްގެ ގޮތުގައާއި ކޯސްޓްގާޑު އުޅަނދު 'ޣާޒީ' ގެ ކޯޕްރަލެއްގެ ގޮތުގައި ނިޒާމް މަސައްކަތް ކުރެއްވި އެވެ. 

ނިޡާމް ވަނީ ވިލާ ކޮލެޖުން ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި އެ ދާއިރާއިން ޕޯސްޓްގްރެޖުއޭޓް ތައުލީމު ވެސް ހާސިލުކުރައްވާފައިވެ އެވެ.