ތިނަދޫ ސިޓީގައި ގަވާއިދާ ޚިލާފަށް ބިންތަކެއް ދިން މައްސަލައިގައި އެ ސިޓީގެ މޭޔަރާއި 3 ކައުންސިލަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ. 

އާދިއްތަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ، "ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު" ގައި ބީލަމަށް ހުޅުވާނުލައި ސިނާއީ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބިން ދޫނުކުރެވޭނެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް،  ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް ގދ. ތިނަދޫއިން ބިމެއް ހޯދުމަށް އަމިއްލަ ކުންފުންޏަކުން އެދުމުން، ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ބައްދަލުވުމުގައި އެ ކުންފުންޏަށް ބިމެއް ދޫކުރަން ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރު ތާއީދުކޮށް ނިންމާފައިވަނީ އިއުލާނުކުރުމަކާ ނުލައި ގަވާއިދާ ޚިލާފަށް އެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަމަށެވެ. 

 އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ބިމެއް ދޫކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނިކޮށް، 1 ނޮވެންބަރު 2023 ގައި އެ ކުންފުންޏާއެކު ވެވުނު އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން މޭޔަރު ސައުދު އަލީ ސޮއިކުރައްވައި، 2000 އަކަފޫޓުގެ 3 ބިން އެ ކުންފުންޏަށް ގަވާއިދާ ޚިލާފަށް ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. 

 މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އެ ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ 10 ސެޕްޓެންބަރު 2026 ގަ އެވެ.

އެގޮތުން، މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވަނީ، ގދ.ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސްގެ މަޤާމުގައި ހުރި ސައުދު އަލީއާއި ގދ. ތިނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުންގެ މަޤާމުގައި ތިބި އާމިނަތު ނަސީމާއާއި އަހުމީމާ އަހުމަދު އަދި އާއިޝަތު ލިއުޝާ ޒުބައިރުގެ މައްޗަށެވެ. 

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.