މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކުރީގެ ސީއީއޯ އަދި ކުރީގެ މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ. 

އާދިއްތަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލްއިން 18 އޭސީ އާންމުކޮށް އިއުލާނުކުރުމެއް ނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައި، މާކެޓް ރޭޓަށް ވުރެ ބޮޑު އަގުގައި ގަނެފައިވާ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި 16 ސެޕްޓެންބަރު 2026 ގައި ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. 

އެގޮތުން، އޭސީތައް ގަނެފައިވަނީ  އެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން 1,083,998.00 (އެއް މިލިއަން އަށްޑިހަ ތިންހާސް ނުވަސަތޭކަ ނުވަދިހަ އަށެއް) ރުފިޔާއަށް ކަމަށް އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އޭސީސީ އިން ބުނީ މި ތަކެތި ގަނެފައިވަނީ އޭރު އެ ކުންފުނިން އަމަލުކުރަމުންދިޔަ، ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި އަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދާ ވެސް ޚިލާފަށް ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ، އެމްޕީއެލްގެ އޭރުގެ ސީއީއޯގެ މަޤާމުގައި ހުރި މުހައްމަދު ޖުނައިދު (މ.ރީފްވިލާ / ކ.މާލެ) އަދި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަޤާމުގައި އޭރު ހުރި އަބްދުލްވައްހާބު (މ.ހިލްއިންދަގާރޑެން/ ކ.މާލެ) ގެ މައްޗަށް ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ. 

މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހެޅުމަށް ނިންމާފައިވަނީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.