ބ. ހިތާދޫ ފެނަކަ ބްރާންޗުން ވަޒީފާއިން ވަކިކުރި ޒުވާނަކު، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފި އެވެ.

މިޒުވާނާ ވަނީ ރާއްޖެޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމަށް އޭނާ ވަޒީފާއިން ކަނޑާލި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.  

އޭނާ ހާމަކުރި ގޮތުގައި، ފެނަކައިން ސްޓެލްކޯއަށް މުވައްޒަފުން ބަދަލުވުމުގެ އޮންބޯޑިންގ މަރުހަލާގެ ތެރެއިން މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އޭނާއަށް ވަޒީފާ ހަމަޖެހުނު ކަމަށް އަންގައި ގުޅިއެވެ. އަދި ސްޓެލްކޯއަށް ވަނުމަށް ބޭނުންވާ ސެކިއުރިޓީ ކޯޑާއި ޔޫޒަރ ނޭމްގެ އިތުރުން، އެކައުންޓް ނަންބަރާއި ލޭގެ ގުރޫޕް ފަދަ ޒާތީ މައުލޫމާތުތައް ވެސް ހޯދި ކަމަށް އޭނާ ބުންޏެވެ. 

އާމިރު ވެސް ގުޅީމެއްނު ނަންބަރަކަށް. އެނަންބަރުން ހަމަ އަޅުގަނޑަށް ވެސް ގުޅީ. ދެން ވަަޒީފާ ލިބުނު ވާހަކައާއި ހުރިހާ ވާހަކައެއް ދައްކާފައި. ދެން އަޅުގަނޑަށް ވައިބާއިން މެސެޖް ކުރަނީ އެމީހުންގެ ރަސްމީ ނަންބަރުން އަޅުގަނޑު ޕާސަލަން އިންފޯމޭޝަނަށް
ހިތާދޫ ފެނަކަ ބްރާންޗުން ކަނޑާލި ޒުވާނާ 

އޭނާ އިތުރަށް ބުނި ގޮތުގައި، ޖުލައި 22 ގައި އޭނާ ޗުއްޓީގައި ހުއްޓާ ސްޓެލްކޯގެ ޔުނިފޯމާއި ކާޑު ހަވާލުކުރުމަށް ސްކޫލް ކައިރިއަށް ދިޔުމަށް އެންގި އެވެ. ނަމަވެސް އެސިސްޓެންޓް މެނޭޖަރު ގުޅައި ބޯޓު އަނބުރާލާފައި ދިޔަ ވާހަކަ ބުނުމަށްފަހު، ޖެހިގެން އައި ޖުލައި 23 ވަނަ ދުވަހުގެ ފަތިހު ޖެޓީ ދޮށަށް ދިޔުމަށް އެންގި ކަމަށެވެ.

ނަމަވެސް ޖެޓީގައި ހުއްޓާ އޭނާ އަށް ގުޅައި، އޭނާގެ ނަން ލިސްޓުގައި ނުހިމެނޭ ކަމަށް ވަނީ އަންގާފަ އެވެ. އަދި ފެނަކަ ވަޒީފާގައި މަޑުކޮށްލުމަށް އެންގި ކަމަށް ވެސް އޭނާ ބުންޏެވެ. 

ދެން މިހާރު ދެގޮތަކަށް އޭތި އެބަވިސްނޭ ދޯ. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑު ޗުއްޓީގައި ހުރީމަ އަނެހެން ރަސްމީ ކަންތައްތަކުގައި ނުގެނެވޭނެއޭ. އެހެންވީމަ މި ބުނީއޭ އަޅުގަނޑު ގާތުގައި މަޑުކޮށްލާށޭދޯ. ދެން އަޅުގަނޑު މަޑުކޮށްލާނީ ދޯ. ދެން ޗުއްޓީ ހަމަވާނީ އޮގަސްޓް 2 ގައި 
ހިތާދޫ ފެނަކަ ބްރާންޗުން ކަނޑާލި ޒުވާނާ 

ޗުއްޓީ ނިމުމަށްފަހު އޯގަސްޓް 4 ވަނަ ދުވަހު އޭނާ ފެނަކައަށް ސިޓީއެއް ފޮނުވުމުން، އެ ދުވަހު ވަނީ ވަޒީފާއިން ވަކިކުރި ލިޔުން ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. 

އެ ލިޔުމުގައި ވަޒީފާއިން ވަކިކުރި ތާރީޚަކަށް ޖަހާފައިވަނީ ޖުލައި 20 ވަނަ ދުވަހެވެ. އޭނާ ފާހަގަކުރި ގޮތުގައި ޗުއްޓީގައި ހުއްޓާ މިގޮތަށް ކަންތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި ބްރާންޗުން ވަކިކުރި އިތުރު މުވައްޒަފުންނާ އެކު މި މައްސަލަ މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފަ އެވެ.