ދިޔާތަކެތި
ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި
ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮތް އޮތުން ވަގުތީ ގޮތުން އުވާލީ
ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން ބުނެފި އެވެ.

"ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ
ބާވަތްތަކުގެ ލިސްޓު" ކަނޑައެޅުމުގެ ގަރާރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ
އިސްލާހު ގެންނަވާފަ އެވެ. އަދި ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން
މަނާކުރުން ޖޫން 2، 2021 އިން ޖޫން 2031 އަށް ބަދަލުކުރަން ނިންމާފައިވާއިރު، ސިންގަލް
ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ އެއް ލީޓަރާއި އެއް ލީޓަރަށް
ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ
ފެން، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީހު ވެސް ޑިސެމްބަރު 1،
2029 އަށް ވަނީ ފަސްކޮށްފަ އެވެ.

މީގެ
އިތުރުން، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތަކަށް ބަލާއިރު،
500 މިލިލީޓަރުގެ ފުޅީގެ ބަދަލުގައި 250 މިލިލީޓަރަށް ވުރެ ކުދި ފުޅި މަނާކުރާ
ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

މި
ބަދަލުތަކާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ މިހާރު އަމަލުކުރަމުންދާ
އުސޫލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް
ދިމާވަމުންދާ ދަތިތަކަށް އަމަލީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވުމުގެ
މަގުސަދުގައި ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

މިހާރު ރާއްޖޭގެ
ބާޒާރުގައި އާންމުގޮތެއްގައި ލިބެން ހުރީ ކަރުދާހުގައި ތައްޔާރުކޮށްފައި ހުންނަ ހޮޅި
ކަމަށް ވެފައި މިފަދަ ހޮޅި ބޭނުންކުރުމުގައި ފޫދި، ފެނަށް ގިރި ބޭނުން ކުރުމުގައި ދަތިތަކެއް
ކުރިމަތިވާ އެއްޗެއް ކަމުގައިވާތީ އެ ބޭނުން ކުރާ ފަރާތްތަކުން ކަންބޮޑުވުން
ފާޅުކުރަމުންދާކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން
މިފަދަ ހޮޅި އުފެއްދުމުގައި ހޮޅީގެ އެތެރޭގައި ޕްލާސްޓިކް ފަށަލައެއް ލެވި އަދި ތެރަސް
ބޭނުންކޮށްފައި ހުރުމުން މިފަދަ ހޮޅި ބޭނުންކޮށްފައި އެއްލާލުމުން މައިކްރޯ ޕްލާސްޓިކް
އުފެދުމަށް ފުރުސަތު ބޮޑުކަން ވެސް ފާހަގަކުރެވިފައިވާކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން
ޕްލާސްޓިކް ހޮޅީގެ ބަދަލުގައި އެކަށީގެންވާ ފެންވަރު ރަނގަޅު އަދި ތިމާވެއްޓާ ރައްޓެހި
ބަދަލެއް ބާޒާރަށް ނެރެ ތައާރަފުކުރުމަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ޕްލާސްޓިކް
ހޮޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް ވަނީ ބަދަލު ގެނެވިފަ އެވެ.

ޕްލާސްޓިކް
ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށް ބަލާއިރު މިއަދާ ހަމައަށް ވެސް ބައެއް ރަށްރަށުގައި
ފެނުގެ ނިޒާމު ގާއިމުކުރެވިފައި ނުވާކަން ފާހަގަކުރެވޭކަމަށް މިނިސްޓްރީގެ
ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން
ސާފު ބޯފެނުގެ ނިޒާމު ގާއިމުކޮށްފައިވާ ބައެއް ރަށްރަށުގައި ވެސް އެކަށީގެންވާ ގޮތެއްގައި
ފެނުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ރައްޔިތުން ސާފު ބޯފެނަށް މައިގަނޑު ގޮތެއްގައި އަދިވެސް
ބަރޯސާވަނީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނަށްކަން
ފާހަގަކޮށްފައިވެ އެވެ.

ގަރާރުގެ
ދަށުން ކުރިން 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ
ތައްޔާރީ ބުއިންތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައި އޮތުމުގެ
ސަބަބުން ރާއްޖެއަށް އެތެރެކުރާ ބައެއް ތައްޔާރީ ބުއިންތައް އެތެރެކުރުމުގައި ރާއްޖޭގެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ދަތި ތަކެއް ކުރިމަތިވަމުން ދާކަމަށްވެސް
ވަނީ ފާހަގަކުރެވިފަ އެވެ.

މިފަދަ ބުއިންތަކުގެ
ތެރޭ ވަކީން ޚާއްސަކޮށް އެތްލީޓުން ބޭނުންކުރާ ބުއިންތަކާއި ކުޑަ ކުދިންނަށް ޚާއްސަކޮށްގެން
ތައްޔާރުކޮށްފައި ހުންނަ ބުއިންތައްވެސް ހިމެނޭކަމަށާއި، އެހެންކަމުން ރާއްޖެއަކީ މިފަދަ
ތައްޔާރީ ބުއިންތައް އުފައްދާ ގައުމަކަށް ނުވާތީ ރާއްޖެ ބަރޯސާވާން ޖެހިފައިވަނީ ބޭރުގެ
އުފެއްދުންތަކަށް ކަމަށްވާއިރު ރާއްޖޭގެ މާކެޓަށް ޚާއްސަކޮށްގެން އެފަރާތްތަކުގެ ޕްރޮޑަކްޝަން
ލައިންތައް ބަދަލުކޮށް މިފަދަ ބުއިންތައް އުފެއްދުމަކީ ނާދިރުކަމެއް ކަމުގައި ގަބޫލުކުރަން
ޖެހޭކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިކަމުގެ
ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި މާލީ އަދި އޮޕަރޭޝަނަލް
ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތީ، މިކަންކަމަށް ރިއާޔަތްކޮށް ހައްލެއް ހޯދައި
ދިނުމުގެ މަގުސަދުގައި މަނާކުރެވޭ މިންގަނޑު ވަނީ 500 މިލިލީޓަރުން 250 މިލިލީޓަރަށް
ބަދަލުކޮށް އިސްލާހުކުރެވިފަ އެވެ.