ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގައި ބިރުދެއްކުމާއި ދޮގު ޚަބަރު ދިންކަމުގެ ތުހުމަތުގައި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާ ގެ ބަންދަށް ކްރިމިނަލް ކޯޓުން 5 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ މިސްރު ފިރިހެނެއް ކަމަށްވާ ޕީޓާ ސަމާން މަރުޒޫކް ސަމާން އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެއަރޕޯޓުގެ ޑިޕާޗާ ސްކްރީން ކައިރީގައި އޭނާ އާއި އޭނާގެ ދައްތަ ތިބި ވަގުތު، ދައްތަގެ ދަބަސް އިތުރަށް ޗެކުކުރުމަށް ޑިއުޓީ އޮފިސަރުން ދިޔަ ވަގުތު، ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އެވެ. އެ ވަގުތު އޭނާ ދެއްކި ވާހަކައަކާ ގުޅިގެން ސެކިއުރިޓީ ސަމާލު ކަމަށް އައިސް، ސިފައިންނާއި ފުލުހުން ގޮސް ޗެކުކުރި ނަމަވެސް ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައެއް ނުވާ ކަމަށް ކޯޓުގެ އިތުރު ބަޔާނުގައި ބުނެފައިވެ އެވެ. 

މި މައްސަލާގައި އޭނާ ބުނެފައިވަނީ އެއީ މަޖަލަކަށް ބުނި ވާހަކައެއް ކަމަށާއި، އެކަމަށް އެ ވަގުތު ވެސް މާފަށް އެދިފައިވާނެ ކަމަށެވެ. އަދި ފުލުހުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. 

ނަމަވެސް 19 ސެޕްޓެންބަރު 2026 ގައި  ޕީޓާ ސަމާން މަރުޒޫކް ސަމާން ކަސްޓޯޑިއަލް ޖަލެއްގައި 5 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑްގެ އިންސިޑެންޓް ރިޕޯޓާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހާދިސާ ރިޕޯޓުގެ އިތުރުން މައްސަލައިގައި ހެކިބަސްދޭ ފަރާތެއް ތަހުގީގަށް ދީފައިވާ ބަޔާން ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.