މިއަހަރުގެ އޯލެވެލް އިމްތިހާނު 8000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ.
އާދިއްތަ ދުވަހު އޯލެވެލް އިމްތިހާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިންނެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި އިމްތިހާނު 12 ނޮވެމްބަރު 2026 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
މި އިމްތިހާނާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި 8111 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި، އެޗްއެސްސީ އިމްތިހާނުގައި 7776 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުން އަދި އަތޮޅުތަކުގެ ރަށްރަށުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން އިމްތިހާނު ހަދާނެ ކަމަށެވެ.
މިސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލު ބަދަލުކޮށް އޯލެވެލްގައި ބައިވެރިވާ ދަރިވަރުން 4 މާއްދާ ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފަ އެވެ. އެއީ، އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާ އެވެ. މި މާއްދާތަކަށް ފައިސާ ދައްކަނީ ވެސް ސަރުކާރުންނެވެ.