މާލެސިޓީގައި ދިރިއުޅޭ ރައްޔިތުން ސާފުތާހިރުކޮށް އުޅޭނަމަ، ކައުންސިލަށް އަހަރަކު 40 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ، 

އާޒިމް މިހެން ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަގުވާމީ ސާފުކުރުމުގެ ދުވަހާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްގެންދިޔަ ސާފުކުރުމުގެ ޚާއްސަ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ. 

އާޒިމް ވިދާޅުވީ، މާލެސިޓީ ކައުންސިލުން އެންމެ ބުރަ އަދި ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރާ އެއް މަސައްކަތަކީ މާލެ ސާފުކުރުމާއި ކުނި ނެގުމުގެ މަސައްކަތް ކަމަށެވެ. 

އާޒިމް ވިދާޅުވީ ވެމްކޯއިން 800 ޓަނުގެ ކުނި ނަގާއިރު، ކައުންސިލުން ދުވާލެއްގެ މައްޗަށް 25 ޓަނުގެ ކުނި ނަގާ ކަމަށެވެ. އަދި  މާލޭސިޓީ ކައުންސިލުން އުކާލަން ގެންދާ ކުންޏަށް ވެމްކޯއިން 10 އިންސައްތަ އިތުރަށް ފައިސާ ނަގާ ކަމަށެވެ. އެގޮތުން އާންމުން ކުނި އުކާލަން ގެންދާއިރު ވެމްކޯއިން 1،000 ރުފިޔާ ނަގާކަމުގައި ވަންޏާ، ކައުންސިލުގެ އަތުން 10،000 ރުފިޔާ ނަގާ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. 

މާލެތެރެއަށް ކުނި އަޅަނީ މާލޭގައި ދިރިއުޅޭ ރައްޔިތުން. އެއީ ވަކި ބަޔަކު އައިސްފައި ކުރާ ކަމެއް ނޫން. އެހެންވީމަ ބޭރު މީހުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެންމެން ކުނި އުފައްދަނީ. އެހެންވީމަ އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެގެން މަސައްކަތް ފަށައިފި ކަމަށްވަންޏާ ހަމަގައިމު ވެސް މާލޭސިޓީގައި މަހަކު 3 މިލިއަން، 4 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ. މާލޭގެ ރައްޔިތުންނަށް އެހެނިހެން ކަންތައްތައް ކޮށްދޭން ވެސް. މިއީ އަހަރަކަށް ބަލާފިއްޔާ 40 މިލިއަން ރުފިޔާ އެބަ ސަލާމަތް ކުރެވޭ. ފަރުވާ ތެރިކަމާއެކު ސާފުތާހިރުކޮށް އުޅެން ފަށާފިއްޔާ ވެސް
އާދަމް އާޒިމް

މީގެ އިތުރުން އާޒިމް ވިދާޅުވީ، މާލެ ސިޓީއަކީ ސާފުތާހިރު ތަނަކަށް ހެދުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ ވެސް ނުހަނު މުހިންމު ކަމެއް ކަމަށާއި، މި ސިޓީ ސާފުކޮށް ބޭއްވުމުގެ ޒިންމާ އެންމެން ނަގަން ޖެހޭ ކަމަށެވެ. އަދި ސާފުތާހިރުކަން ފެށިގެން އަންނަނީ ދުވަހުން ދުވަހަށް އަށަގަންނުވާ އާދަކާދަތަކުގެ ތެރެއިން ކަމަށާއި ކުނި އަޅާ މީހުންނަށް ކުނި ނަގަން ހަނދާން ކޮށްދޭން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ. 

މީގެއިތުރުން، ކާބޯތަކެތި އިސްރާފުކުރުން މަދުކުރުމާއި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ މުހިންމުކަން އާޒިމް ފާހަގަކުރެއްވި އެވެ.