ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާތީ
އއ. ތޮއްޑޫގައި މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ހިންގައި 107 ބިދޭސީއަކު
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ތޮއްޑޫގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ
މައްސަލަ ބޮޑުކަމަށާއި، އާންމުންގެ ގިނަ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށް
އިމިގްރޭޝަނުން ފާހަގަކުރެ އެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އިމިގްރޭޝަންގެ
ޓާސްކްފޯސްއިން ތޮއްޑޫގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އެ އޮތޯރިޓީން
ބުނެ އެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި
ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. އަދި މި އޮޕަރޭޝަނުގައި
ބަލައި ފާސްކުރި މީހުންގެ ތެރެއިން 107 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ
ގެންގޮސްފަ އެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މިފަދަ އޮޕަރޭޝަންތައް ހިންގަމުން ދިޔަ ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން އަތްގަދަ ކުރަމުންދާ މައްސަލަ އާއި، ހަމައެއް ލަމައެއް ނެތި އުޅޭ ބިދޭސީންގެ އަދަދު އިތުރު ވަމުންދާ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.