ރައީސް އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ ނޫސްވެރިންގެ
ބައްދަލުވުންތަކަށް އަދަދު ނޫހާއި އެ ނޫހުގެ އެއްވެސް ނޫސްވެރިއަކަށް ނުވަދެވޭ ގޮތަށް
ރައީސް އޮފީހުން ނިންމި ނިންމުމާ ގުޅޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލައިގައި އެދިފައިވަނީ އެ ނިންމުމަކީ
އަސާސީ ހައްގުތަކެއް ނިގުޅައިގަނެފައިވާ ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި
އެ ފިޔަވަޅު ބާތިލުކޮށްދިނުމަށެވެ.
އެ ހައްގުތައް ހިފަހައްޓާފައިވާނީ ގާނޫނުއަސާސީގެ
16 ވަނަ މާއްދާއާ ހިލާފަށް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި ރައީސް އޮފީހުން
ހައްގުތައް ހިފަހައްޓާފައިވަނީ މިނިވަން ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް
ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރާ މިންވަރަކަށް ނޫން ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ވަނީ "އަދަދު"
ނޫހުން ގެނެސްދިން ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް
ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ، ރައީސް އޮފީހުގެ
ނޫސްވެރިންގެ ބައްދަލުވުންތަކަށް އެ ނޫހުގެ ނޫސްވެރިން ވަނުން ވަގުތީ ގޮތުން
މަނާކޮށްފަ އެވެ.
ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވަނީ
އަސާސީ ހައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަސްލަކާ ޚިލާފު ނުވާނޭ
ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށާއި، މިއިން އެއްވެސް ހައްޤެއްގެ
ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ
ތަޢާރުޟްނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުންވެސް އެއިން ހައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް
ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ހައްޤެއް ނުވަތަ
މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށް ކަމަށް އެ މާއްދާގައި
އޮވެ އެވެ.
އަދަދު ނޫހަށް އެ އެޅި ފިޔަވަޅަށް
ބަލައިލާއިރު، ރައީސް އޮފީހުން ފިޔަވަޅުއަޅާފައި ވަނީ، ސުލޫކީ މިންގަނޑާއި ހަމައާއި އެގޮތަށް ހުރި މާއްދާތަކަށް ރިޢާޔަތްކޮށްގެން ނަމަވެސް، އެ ގާނޫނުގެ 65
ވަނަ މާއްދާގައި ޑިއު ޕްރޮސެސް ފުރިހަމަކުރަންޖެހޭނެ ކަމަށް އޮވެ އެވެ. އަދި 67
ވަނަ މާއްދާގައި މީޑިއާތަކާ ފިޔަވަޅުތައް އަޅާއިރު، ޖަވާބުދާރީ ވުމުގެ ފުރުސަތު
ދޭންޖެހޭނެ ކަމަށް އޮވެ އެވެ. މިސާލަކަށް، ތެދު ނޫން މަޢުލޫމާތެއް
ހާމަކުރާނަމަ ވެސް 72 ވަނަ މާއްދާގެ ދަށުން މައާފަށް އެދި ރަނގަޅުކުރަން ފުރުސަތު
ދޭންޖެހެ އެވެ.