މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:01 އެހައިކަންހާއިރު ސަބްނަމް މަގުގަ އެވެ. މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ އުމުރުން 48 އަހަރާއި 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ.

މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެމުން ދަނީ ސެނަހިޔާ ހޮސްޕިޓަލުގަ އެވެ. އަނެކަކަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގަ އެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެ އެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މާރާމާރީ ހިނގި ސަރަހައްދަށް ގިނަ އަދަދެއްގެ އާންމުން އެއްވެފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދުން ބިދޭސީ ފިރިހެނަކު ހިފަހައްޓައިގެން ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެ އެވެ.