ގައުމުގެ ތަރައްގީއަށް ބޭނުންވާ ބޭރުގެ އެހީގެ ކަންކަން ހިނގާ މަގު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް ކަމަށާއި، އެމްޑީޕީ އަލުން ވެރިކަމަށް އައިސް ރައްޔިތުންނަށް އައު އުންމީދަކާއެކު ތަރައްގީ ގެނެސްދޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު 2028 ކެމްޕެއިން ޓީމުން ހޮނިހިރު ދުވަހު ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގައި އިސްލާހީ ހިޔާލާއި ފިކުރު ނައްތާނުލެވޭނެކަން މިއަދު ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި ރަށްރަށަށް ދިއުމުން ބައްދަލުވާ ކޮންމެ ރައްޔިތެއްގެ ފަރާތުން ފެންނަނީ މާޔޫސްކަމާއި ގޮތްހުސްވެފައިވާ މަންޒަރު ކަމަށާއި، ރައްޔިތުން މިއަދު ބުނަމުންދަނީ ޕީއެންސީގެ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ނޫނެކޭ" ކަމަށެވެ. މި ސަރުކާރުން ގައުމު އިނދަޖައްސާލައި، ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ވާހަކަ ސަރުކާރުން ތަކުރާރުކޮށް ދައްކަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެއީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ހާރިޖީ ވަޒީރަކަށް ހުންނަވައިގެން ހޯއްދެވި 200 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ ބައެއް ކަމަށެވެ. އެ ލޯނަށް "ލުއި ލޯނު" ކިޔަނީ އޭގެ އިންޓްރެސްޓް ދައްކައިދެނީ އިންޑިއާ ސަރުކާރުން ކަމަށްވާތީ ކަމަށާއި، ނަމަވެސް އެކަން ވެސް މި ސަރުކާރަށް އެނގިވަޑައިނުގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާ އަށް ގޮވާނެހާ އެއްޗެއް ގޮވާ، އެ ގައުމުގެ ބޮޑުވަޒީރުގެ މާލި ހައްދައިގެން މަގުމަތީ ދަމާފައި، 'އިންޑިއާ އައުޓް' ކިޔަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މާލި ހައްދައިގެން ނެރެ މާލޭގެ މަގުތަކުގައި ދަމާފަ ވެރިކަމަށް އައީ އިންޑިއާ އައުޓް ކިޔާފައި. އެ ފުއްޕުމުގައި އެ ހިތްވަރުގަ އައިސް ފުރަތަމަ 50 މިލިއަން ދެއްކީ. އިންޑިއާ ސަރުކާރުގައި އެދިވަޑައިނުގަންނަވާ ރޯލްއޯވަރ ކޮށްލަދޭށެކޭ. އެއީ އެއަށްވުރެ މާ ގަދަކޮށް ތިއްބެވީއަބްދުالله ޝާހިދު
ޝާހިދު ވިދާޅުވީ އެއީ ކުރިން ވެސް ދައްކަން ނިންމާފައި އޮތް ފައިސާއެއް ކަމަށް ބުނެ ސަރުކާރުން ހަދަނީ ބުހުތާން ދޮގު ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާތީ ބައިނަލްއަގުވާމީ މައިދާނުން ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. ނަމަވެސް، ބޭރު ގައުމުތަކުގެ ވެރިންނަށް އެމަނިކުފާނަކީ ކާކުކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ތަރައްގީގެ ފައިސާ އަލުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
މީގެއިތުރުން، މިއަދު ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ސުމަކަށް ގޮސްފައިވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހިމާޔަތާއި، ރައްކާތެރިކަމާއި އިތުބާރު އެމްޑީޕީގެ ވެރިކަމެއްގައި އަނބުރާ ހޯދައިދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.