އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން، ވާހަކަ ދައްކާ ކޮންމެ ރައްޔިތަކު މިއަދު ބުނަނީ އެއް ވާހަކައެއް ކަމަށާއި އެއީ މި ސަރުކާރަށް ނޫނެކޭ ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ނޫނެކޭ ބުނުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ކ. ގުރައިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ މެދުކެނޑުމެއްނެތި 21 އަހަރު، އެންމެ ވަރުގަދަ އޮތް، އެންމެ ދުވަސްވީ ޕާޓީ ކަމަށެވެ.
އެ ޕާޓީ ހަލާކުކޮށް، ފޮހެލާނެ ކަމަށް އެމްޑީޕީއާ ޚިޔާލުތަފާތު ފިކުރުގެ މީހުން ބުނާ ކަމަށާއި އެހެން ނަމަވެސް އެކަން ނުވާނެ ކަން މިއަދު އެ ފަރާތްތަކުން ގަބޫލުކުރަންވެއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ޕާޓީ އަށް އަސަރުކުރާ ފަދަ ކަންތައްތައް ކުރާނެ ކަމަށް، މި ޕާޓީ ފޮހެލާނެ ކަމަށް، ޕާޓީ ނައްތާލާނެ ކަމަށް، މި ޕާޓީ ކުރިއަށް ނުގެންދެވޭނެ ކަމަށް އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ފިކުރުގެ ބޭފުޅުން އެކި ގޮތްގޮތަށް އެކި ޒަމާންތަކުގައި ވިދާޅުވެ، އެކި ކަހަލަ ކަންތައްތައް ކުރައްވަމުން ގެންދެވި. އެކަން ކުރައްވަންމުން ގެންދަވާ. އެކަމަކު އެބޭފުޅުންނަށް މިހާރު އެނގެން ވެއްޖެ، ސާފުކޮށް ދެނެވަޑައިގަންނަވަން ވެއްޖެ، އެކަމެއް މި ރާއްޖެއަކު ނުވާނެކަން.އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވި މި ރާއްޖޭގެ އިސްލާހީ ޚިޔާލާއި ފިކުރު ދެން ނައްތާނުލެވޭނެކަން މިހާރު މިއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ނަމަވެސް މިއަދު ދިމާވާ އެންމެ ހިތާމަވެރި ކަމަކީ ވަޑައިގަންނަވާ ކޮންމެ ރަށަކުން ބައްދަލުވާ ކޮންމެ ރައްޔިތެއްގެ ފަރާތުން އިވޭ މާޔޫސީ ވާހަކަ ކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން މިއަދު މާޔޫސްވެފައިވާ ކަމަށާއި، މިވަރުން ފުދިއްޖެ ކަމަށް ނުބުނާ ރައްޔިތަކުން މިއަދު ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަންކަން ނިމުމަކަށް ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ.
އަރައިފި ކޮންމެ ރަށެއްގައި، ބައްދަލުވެއްޖެ ކޮންމެ މީހެއްގެ ދުލުން ފާޅުކުރާ ޝުއޫރަކީ ބުނާ ބަހަކީ މިހާރު މިއޮތް ޕީއެންސީ ސަރުކާރަށް ނޫނެކޭ. މިހާރު މި ހުރި ޑރ. މުއިއްޒު އަށް ނޫނެކޭ. ތިމަންނަމެންނަށް ފުދިއްޖެއޭ. މި ރާއްޖެ ހަލާކު ކޮށްލައިފިއޭ. މި ރާއްޖެ އިނދަ ޖައްސާލައިފިއޭ. ރައްޔިތުންނަށް ނުތަނަވަސްކަން އަތުވެއްޖެއޭ. ރައްޔިތުންގެ ދިރިއުޅުން ނެތި ކޮށްލައިފިއޭ. މި ގުރައިދޫ އަށް އައުމުން ފެންނަނީ މާޔޫސްކަން. ގުރައިދޫގެ ރައްޔިތުންނަށް ދަންނަވަން އޮތީ ތިބޭފުޅުން އެކަންޏެއް ނޫނޭ. އަޅުގަނޑުމެން މި ދާ ކޮންމެ ރަށަކުން ވެސް ފެންނަނީ މާޔޫސްކަމާ ގޮތް ހުސްވެފައިވާ ކަމޭ.އަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ ތަކުރާރުކޮށް ވެސް ހުރިހާ ރައްޔިތުންނަށް ދަންނަވަން އޮތީ އެންމެ ވާހަކައެއް ކަމަށެވެ. އެއީ މާޔޫސްވެވަޑައި ނުގަންނަވާށޭ ކަމަށާއި، އެމްޑީޕީ ވެރިކަމަށް އަންނާނެ ކަމަށެވެ. އަދި އެއާއެކު ރައްޔިތުންގެ މާޔޫސް ކަމަށް ވެސް ނިމުމެއް އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.ޑ
އެމްޑީޕީ ވެރިކަމަށް އައުމަށްފަހު އައު އުއްމީދަކާ އެކު ތަރައްގީގެ މަގު ގެނަސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ، ޝާހިދު ވިދާޅުވީ އެކަމުގައި އެމަނިކުފާނާ އެކު ރައްޔިތުން ތިބުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ތަރައްގީ އަށް ބޭނުންވާ އެހީގެ ކަންކަން ހިނގާ ގޮތާއި ހިނގާ މަގު ފެނިގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.