އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ކ. މާފުށިން ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައި، ކެމްޕެއިން ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ގުރައިދޫ އަށް ވަޑައިގެންފަ އެވެ. 

ޝާހިދު އަރިހުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލްގެ އިތުރުން، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. 

ގުރައިދޫ އިން ޝާހިދު އާއި ޝާހިދުގެ ޓީމަށް ހޫނު މަރުހަބާ އެއް ދަންނަވާފައިވާއިރު، މި ދަތުރުގެ ތެރެއިން، އެމްޑީޕީގެ މެންބަރުންނާ ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ޝާހިދު ކުރައްވަމުން ގެންދަވާ މި ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ މި މަސައްކަތުގައި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންގެ ތާއީދާއި ވޯޓަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާނީ ޕާޓީގެ ހުރިހާ މެންބަރުންގެ މީހަކަށް ކަމަށާއި ހުރިހާ ފިކުރެއް ގޮވައިގެން އުޅުއްވާނެ އަދި އުޅުއްވޭނެ މީހަކަށް ވެވަޑައިގެން، ކަންކަން ޑެލިވަރ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

މީގެއިތުރުން މުޅި ގައުމުގެ ލާބަ އާއި މަސްލަހަތު އިސްކުރައްވާ، ހިމާޔަތްކުރައްވާ، ދިވެހި ރައްޔިތުންނަށް އިންސާފުވެރި، ހަމަހަމަ ފުރުސަތެއް އޮތް ސާދާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.