ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަރަށް ބޮޑަށް އިތުރުވެ، ބޭންކުން ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު 33.33 އިންސައްތަ އިތުރުވެއްޖެ އެވެ.
ބީއެމްއެލްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިއަން ޑޮލަރު ވަނީ ވިއްކާފަ އެވެ. އަދި އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިގެ އިތުރުވުމެކެވެ. މި ނިސްބަތުން ޑޮލަރު ވިއްކުން ކުރިއަށްދާނަމަ، އަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކޮށްފައި ވެ އެވެ.
ބޭންކުން ޑޮލަރު ވިއްކާފައިވާ މައިގަނޑު ދާއިރާތައް:
ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތައް: މަހަކު 38 މިލިއަން ޑޮލަރު
- ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ): މަހަކު 27 މިލިއަން ޑޮލަރު
- ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް: މަހަކު 9.4 މިލިއަން ޑޮލަރު
- ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިއަން ޑޮލަރު
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއް ނޫނެވެ. ޚާއްސަކޮށް ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން ގޮންޖެހުންތައް ވަނީ އިތުރުވެފަ ކަމަށް ބޭންކުން ބުނެ އެވެ.
މިކަމާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓީޓީ އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފަ އެވެ. މި ހާލަތު ކޮންޓްރޯލް ކުރުމަށްޓަކައި، ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ހޭދަވާ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށް ދާދި ފަހުން އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް ވަނީ އިސްކަންދޭން ފަށާފަ އެވެ.
އެޅުނު ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތަކަށް ހޭދަވާ ވަގުތު އާންމު ހާލަތަކަށް ގެނެވޭނެ ކަމަށް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
ބީއެމްއެލްއިން ބުނީ މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫން ކަމަށާއި، މިއީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއް ކަމަށެވެ. އަދި ބޭންކަކީ މާލީގޮތުން ހަރުދަނާ ބޭންކެއްކަމުގެ ޔަގީންކަން ދެމުން، ކަސްޓަމަރުންނާއި ހިއްސާދާރުން ދެއްވާ އިތުބާރާއި އެއްބާރުލުމަށް ބީއެމްއެލްއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.