މިދިޔަ އޮގަސްޓު މަހުގެ 28 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރިއަށްގެންދި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް އަނެއްކާ ވެސް އިތުރު 3 ދުވަސް ޖަހައިފި އެވެ.
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު އެ އަމުރުގައި ބުނީ އޭނާއަށް ކުރާ ތުހުމަތަކީ ފުލުހުން ޖެހި ބެރިކޭޑް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ތުހުމަތު ކަމަށެވެ. އޭނާ ހައްޔަރު ކުރުމަށްފަހު 10 ދުވަހުގެ މުއްދަތަށް ފުރަތަމަ ބަންދުކުރި އެވެ.
އެއަށްފަހު އެ މުއްދަތު ހަމަވުމުން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކޮށް އަނެއްކާ ވެސް އިތުރު 3 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ޝާމިންގެ އާއިލާ މެންބަރަކު ބުނީ، މުޒާހަރާއެއް ކޮށްގެން ހައްޔަރުކޮށް ކުށްވެރިއަކަށް
ހެދުމަކީ އިންސާފެއް ނޫން ކަމަށާއި، އޭނާއަކީ ޖިނާއީ ބޮޑު ކުށްވެރިއެއް ނޫން
ކަމަށެވެ. އޭނާ ދޫކޮށްލުމަށް އާއިލާއިން ވަނީ ގޮވާލާފަ އެވެ.
މި މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި އޭނާ ހައްޔަރު ކުރާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އޭނާއަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެ އެވެ.
އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރަށް އިންޓެލިޖެންސް ރިޕޯޓެއް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.