2024 ވަނަ
އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ ނިޔަލަށް މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން
ރުފިޔާއަށް އަރާނެކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ޒަރިޔަންދު ހާމަކުރެއްވި
ހިސާބުތަކުން ދައްކައިފި އެވެ.

މިއީ ރާއްޖޭގެ
މާލީ ހާލަތު އޮތް ގޮތާ ގުޅޭގޮތުން ބަޖެޓުގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް އޭނާ ހިއްސާކުރެއްވި
މައުލޫމާތުތަކެކެވެ.

އިސްމާއީލް
ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި 2023 އިން 2026 އަށް ލަފާކުރާ ބަޖެޓުގެ
ހަގީގީ މަންޒަރު ވަނީ ތަފްސީލީ ގޮތެއްގައި ހާމަކުރައްވާފަ އެވެ. އެގޮތުން އެ މުއްދަތުގެ
ތެރޭގައި ދައުލަތަށް އާމްދަނީ އާއި އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވެނީ 145.5 ބިލިއަން
ރުފިޔާ އެވެ. ނަމަވެސް ހަމަ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުތައް 180.1 ބިލިއަން
ރުފިޔާއަށް އަރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ހިސާބުތަކަށް
ބަލާއިރު، އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓް ނުވަތަ
އުނި އިތުރު 34.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މީގެ އިތުރުން ކުރިން ނަގާފައިވާ
ދަރަނިތައް އަދާކުރުމަށްޓަކައި 23.2 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށް ވެސް
ޒަރިޔަންދު ހާމަކުރެއްވި ތަފާސްހިސާބުތަކުން ދައްކަ އެވެ.

މާލީ ތަޖުރިބާކާރު
ފާހަގަކުރެއްވި ގޮތުގައި، ބަޖެޓުގެ ހިސާބުތަކުން ފެންނަން އޮތް އެންމެ ކަންބޮޑުވާ ކަމަކީ
މި މުއްދަތުގެ ތެރޭގައި ނަގާ ދަރަނީގެ މިންވަރެވެ. އެގޮތުން ޖުމްލަ 66.9 ބިލިއަން ރުފިޔާގެ
ދަރަނި ނަގާނެ ކަމަށް ބެލެވޭއިރު، މީގެ ތެރެއިން ދަރަނި އަދާކުރުމަށް ކުރާ ހޭދަ އުނިކުރުމުން،
މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި އަލަށް އިތުރުވާ ދަރަނީގެ ސާފު މިންވަރަކީ
57.5 ބިލިއަން ރުފިޔާ އެވެ.

މި ހިސާބުތަކަކީ
ދައުލަތުގެ ބަޖެޓުގެ ރަސްމީ ލިޔެކިޔުންތަކުން ފެންނަން ހުރި ހަގީގަތްތައް ކަމަށް ޒަރިޔަންދު
ވިދާޅުވި އެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފަށެއްގައި އޮތް ދަނޑިވަޅެއްގައި،
ދައުލަތުގެ ދަރަނި މިހާ ބޮޑު މިންވަރަކަށް އިތުރުވަމުން ދިއުމަކީ މާލީ ދާއިރާގެ ގިނަ
ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ.

ޚާއްސަކޮށް
ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އިގްތިސާދީ
މާހިރުން އަންނަނީ ލަފާދެމުންނެވެ. އިސްމާއީލް ޒަރިޔަންދު ހާމަކުރެއްވި މި ތަފާސްހިސާބުތަކުން
ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ދަރަނި ބެލެހެއްޓުމުގެ ނިޒާމަށް ހުރި ގޮންޖެހުންތައް
ވަރަށް ސާފުކޮށް ހާމަވެގެންދެ އެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުންދަނީ މި
ސަރުކާރުން ދަރަނި ދައްކަމުން ގެންދަނީ އިޤްތިސާދުވެސް މެނޭޖް ކުރެވޭނެ ގޮތްތައް ބަލައިގެން
ކަމަށެވެ. ރައީސް ޑރ މުޙައްމަދު މުއިއްޒަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު
ދިން ސަބަބުތަކުގެ ތެރޭގައިވެސް އެކަން ހިމެނިފައިވެ އެވެ.

އެހެންނަމަވެސް
މި ސަރުކާރަށް ދަރަނި މެނޭޖް ނުކުރެވޭކަން ތަފާސްހިސާބުތަކުން ދައްކާކަން މާލީ
ދާއިރާގެ ތަޖުރިބާކާރުން ގެންދަނީ ފާހަގަ ކުރަމުންނެވެ.