ދިވެހިރާއްޖޭގެ ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފި އެވެ.
މި ބަދަލުތައް ގެންނަވާފައިވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަދި މި އިސްލާހާ ގުޅިގެން ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރުގެ ދަށުން، ކުރީގެ ގަރާރަށް ވަނީ މުހިންމު ބަދަލުތަކެއް ގެންނަވާ އެކަން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފަ އެވެ.
ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީޚު ވަނީ 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކުރައްވާފަ އެވެ. އަދި މިފަދަ ހޮޅިތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ވަނީ ފަސްކުރައްވާފަ އެވެ.
މީގެއިތުރުން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި އަދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރާ ތާރީޚު ވަނީ 1 ޑިސެންބަރު 2029 އަށް ފަސްކުރައްވާފަ އެވެ. އަދި އެ ސައިޒުގެ ފެންފުޅި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.
ހަމައެއާއެކު، ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ވަނީ ކުޑަކުރައްވާފަ އެވެ. އެހެންކަމުން، ފެން ފިޔަވައި 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން ހޮނިހިރު ދުވަހުން ފެށިގެން މުޅިން މަނާވާނެ އެވެ.
މި ބަދަލުތަކަކީ ވިޔަފާރިތަކަށާއި އާންމު ދިރިއުޅުމަށް އަންނާނެ ލޮޅުންތައް ކުޑަކުރުމާއެކު، ތިމާވެށި ރައްކާތެރިކުރުމުގެ ސިޔާސަތުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރައީސް ގެންނެވި ބަދަލުތަކެއް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.