ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަރެކްޝަންސްގެ އޮފިސަރުން މަސައްކަތްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހުމަދު ފަސީހު ގޮވާލައްވައިފި އެވެ.
ހުކުރު ދުވަހުގެރޭ ބޭއްވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން އަލަށް ވަޒީފާއާ ގުޅޭ އޮފިސަރުން ތަމްރީންކުރުމަށް ހިންގި ''އިންޑަކްޝަން ޓްރޭނިންގ ޕްރޮގްރާމް'' ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން، ފަސީހު ވިދާޅުވީ ކަރެކްޝަންސްގެ އޮފިސަރުން ދަނީ ކުޑަ ބަޖެޓަކާއި ވަސީލަތްތަކަކާއެކު ބުރަބޮޑު މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިހާރު ތަމްރީން ހަދައިގެން ތިބި އޮފިސަރުންނާއެކު ޖަލުތަކުގެ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރެއްވާ ފަސީހު ވިދާޅުވީ، އޭނާ ކުރީގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގައި މަސައްކަތްކުރެއްވި އިރުން ފެށިގެން ކަރެކްޝަންސް ސަރވިސްއާ ގާތްގުޅުމެއް އޮތް ކަމަށާއި، ސިންގަޕޫރުގެ ދެ ޖަލެއްގައި މަސައްކަތްކުރައްވާ ތަމްރީން ހާސިލުކުރެއްވި ކަމަށެވެ. އަދި ރަނގަޅު ޖަލެއްގެ މުހިއްމުކަން އިހުސާސްކުރެއްވިގެން ފެންވަރު ރަނގަޅު ޖަލަކާއި އެތަނުގައި ރަނގަޅު ހިއުމަން ރިސޯސަސް ގާއިމުކުރުމަށް މަސައްކަތްކުރެއްވި ކަމަށް ފަސީހު ވިދާޅުވި އެވެ.
މީގެ ކުރިން ޖަލުތަކުގެ ހާލަތު އޮތްގޮތަށް ބަލާއިރު ކަރެކްޝަނަލް އޮފިސަރުން ވަރަށް މަދުކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓީ އެންއެސްއެސް އިން ކަމަށް ފަސީހު ވިދާޅުވި އެވެ.
މީގެއިތުރުން ފަސީހު ވަނީ ޔުނީފޯރމްގައި ހުރެ އެއްވެސް ގޯސްކަމެއް ކުރަން ހިތަށް އެރިޔަސް ވަޒީފާއިން ވަކިވާން ސިޓީ ފޮނުވުމަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ޤައުމީ ވާޖިބު އަދާކުރުމުގައި އިހުލާސްތެރިކަމާއި ތެދުވެރިކަމުގެ މުހިއްމުކަމާއި ޖަލުގައި ބަންދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އެފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް މަސައްކަތްކުރުމަށް ނަސޭހަތްތެރިވަޑައިގަންނަވާފަ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮންފަރަންސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތުގައި އޮގަސްޓް 30 ން ފެށިގެން ސެޕްޓެމްބަރ 17 އަށް ކުރިއަށް ގެންދިޔަ ޓްރޭނިންގ ޕްރޮގްރާމުގައި 10 އޮފިސަރުން ވަނީ ތަމްރީން ކާމިޔާބުކުރުމަށްފަހު، ވަޒީފާގެ މައިދާނާ ގުޅިފަ އެވެ. މިއީ މި ތަމްރީން ޕްރޮގްރާމްގެ ތިން ވަނަ ބެޗެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތަކާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމެވެ.