ޤައުމީ މަސްލަހަތު އެންމެ އިސްކުރާ ކޮންމެ މީހަކަށްވެސް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަލްސަފާއާ ދެބަސްވާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ޤައުމު އިސްކޮށްފިނަމަ، ރައްޔިތުންނަށްޓަކައި ޕީއެންސީން ކުރިއަށްގެންދަން ގަސްދުކުރާ ކަންކަމުގައި އެންމެންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ޤައުމު އިސްކޮށްފިނަމަ، މި ޕާޓީގެ ފަލްސަފާއާއި މިސްރާބާ ދެބަސްވާނެ އެއްވެސް ޖާގައެއް ނޯންނާނެ. ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރުކާރާއި މި ޕާޓީން ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތްތަކުގައި އެންމެން އެއްބާރުލުން ދޭނެ. އެހެންކަމުން، އިރާދަކުރެއްވިއްޔާ ޕީއެންސީން ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއްގެ ފަހަތުގައިވާ އަސާސަކީ އަދި މައިގަނޑު ސިޔާސަތަކީ ވެސް ހަމަ މި ދެންނެވި އުސޫލު
ރައީސް މުއިއްޒު

ޕީއެންސީ ކުރިއަށްދާނީ "ޤައުމު އިސްކުރުން" މި ޝިއާރުގެ ދަށުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމުގައި ޕާޓީގެ އެތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށެވެ. ޕާޓީ ބަދަހިކޮށް އޮތުމުގެ ސިއްރަކީ ވެސް އެންމެން މި މަޤްސަދުގައި ސާބިތުވެ ތިބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ކުރިން ވެރިކަން ކުރި، ޕީއެންސީއާ އިދިކޮޅު ފިކުރުތަކުން އެއްވެސް އިރެއްގައި ޤައުމީ މަސްލަހަތު އިސްކޮށްފައި ނުވާ ކަމަށެވެ. އަދި ބައެއް ފަހަރު އެ ފަރާތްތަކުން އިސްލާމްދީނުގެ އަސާސްތަކާ ޚިލާފަށް ވެސް މަސައްކަތްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ޤައުމުގެ އެންމެ މަތީ މަސްލަހަތަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަނީ ހަމައެކަނި ޕީއެންސީން ނެވެ. އެމަނިކުފާނު ވަނީ އެހެން ހުރިހާ ސިޔާސީ ފިކުރުތަކަކީ ޤައުމަށް ގެއްލުންދެނިވި ފިކުރުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އަދި ޕީއެންސީގެ ސިޔާސަތަކީ އިސްލާމީ އަގީދާ ނަގަހައްޓައި އެކަމަށް ވަކާލާތުކުރުން ކަމަށާއި، މިއީ އެހެން ސިޔާސީ ޕާޓީތަކާ ބަލާއިރު އުޑާއި ބިމާ ހާސް ތަފާތު ސިޔާސަތެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ޤައުމަށް ލިބޭނެ އެންމެ ބޮޑު މަންފާއަކީ ޕީއެންސީއާއެކު ކުރިއަށް ދިއުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވި އެވެ.