ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު އަމަލުކުރަމުން ދަނީ މާޒީގައި ނާޒީން އަމަލުކުރި ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ، ޖަރުމަނުގައި ނާޒީންގެ ވެރިކަމުގައި ކަންކަން ހިންގި ގޮތުގެ މިސާލުތައް ފޮތްތަކުން ފެންނަން އެބަހުރި ކަމަށެވެ.

އެގޮތުން އޭރު ޔަހޫދީން ބިރުން އެމީހުންގެ ފިހާރަތަކުގެ ބޭރުގައި ލިޔެފައި ހުންނަ ކަމަށާއި، ވަކި ބަޔަކަށް ތަފާތުކުރުންތައް ގެންގުޅުނު ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ.ޖަމީލު ވިދާޅުވީ ޕީއެންސީން ވެސް މިއަދު ކުރަމުންދާ ކަމަކީ އެ ޕާޓީއަށް ނިސްބަތްނުވާ މީހުންނަށް ވަޒީފާ ނުލިބޭނެ ގޮތް ހަދައި، ޕާޓީއަށް ވަނުމަށް މަޖުބޫރުކުރުން ކަމަށެވެ. އަދި ޕީއެންސީގެ މެންބަރަކަށް ވެގެން ނޫނީ ވަޒީފާއާއި ރައްކާތެރިކަން ނުލިބޭނެ ފަދަ މާހައުލެއް އުފައްދަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވީމާ ޕީއެންސީ ވެސް މިއަދު މި ކުރާ ކަމަކީ ހަމަ އޭރު ނާޒީން ހިންގި ގޮތަށް ހަގީގަތުގައި އެއްކަލަ ބުނާހެން އެ ޕާޓީން ނޫން ކޮންމެ މީހަކަށް ހަމަ އެ ގޮތަށް ހަމަ މިއަށް ވަންނާށޭ އެހެން ނޫނިއްޔާ ވަޒީފާ ނުލިބޭނެ
ޑރ. މުހައްމަދު ޖަމީލު އަހުމަދު

މީގެ އިތުރުން ޑރ. ޖަމީލު ވިދާޅުވީ މިއަދު އެއަރޕޯޓް ފަދަ ތަންތަނުން ވަޒީފާ ލިބުމާއި ރައްކާތެރިކަން ލިބުން ބިނާވެފައި ވަނީ ޕީއެންސީގެ މެންބަރަކަށް ވުމުގެ މައްޗަށް ކަމަށެވެ.

ޑރ.ޖަމީލު މިމޭރުން ވާހަކަ ދެއްކެވިއިރު، ނާޒީން އަކީ 1920 އިން 1945 އަށް ޖަރުމަނުވިލާތުގައި އޮތް "ނޭޝަނަލް ސޯޝަލިސްޓް ޖާމަން ވާކާސް ޕާޓީ" (ނާޒީ ޕާޓީ) އަށް ނިސްބަތްވި މީހުންނެވެ. މި ޕާޓީގެ ލީޑަރަކީ އެޑޮލްފް ހިޓްލަރެވެ. 1933 އިން 1945 އަށް ނާޒީން ވަނީ ޖަރުމަނުގައި މުތުލަގު މުސްތަބިއްދު (dictatorship) ވެރިކަމެއް ހިންގާފަ އެވެ. މިއަށް ތާރީޚުގައި "ނާޒީ ޖަރުމަނު" ނުވަތަ "ތާޑް ރައިޝް" އޭ ކިޔަ އެވެ. އަދި ނާޒީން ގަބޫލުކުރި ގޮތުގައި ޖަރުމަނު މީހުންނަކީ ދުނިޔޭގައިވާ އެންމެ މަތިވެރި ނަސްލު ކަމަށްވާއިރު، ޔަހޫދީންނާއި، އެހެނިހެން ބައެއް ނަސްލުތަކަކީ ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި އެމީހުން ދެކުނެވެ.

މީގެ އިތުރުން ނާޒީންގެ ވެރިކަމުގައި، ނަސްލީ ގޮތުން ސާފުކުރުމުގެ ނަމުގައި 6 މިލިއަނަށްވުރެ ގިނަ ޔަހޫދީންނާއި އެހެން ނަސްލުތަކުގެ މިލިއަނުން މީހުން އަނިޔާވެރިކަމާއެކު މަރާލާފައިވާ ކަމަށް ރިކޯޑުތަކުން ދައްކަ އެވެ. އަދި ނާޒީ ޖަރުމަނުން އެހެން ގައުމުތަކަށް އަރައިގަނެ، ދުނިޔޭގެ ބާރު ހޯދަން ކުރި މަސައްކަތުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމަ ފެށުނު ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.