ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޖޮއިންޓް ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި، ގާތްގަނޑަކަށް 3.86 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ 6 މީހަކު ހައްޔަރުކޮށްފި އެވެ. 

މި އޮޕަރޭޝަން ހިންގާފައިވަނީ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2026 ސެޕްޓެންބަރު 18 ވަނަ ދުވަހު އެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ 6 މީހުން ހައްޔަރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސް ތިއްބާ ކަމަށެވެ. އަދި އެމީހުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ބޭރު ފައިސާ މިހާރު ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. 

މީގެ އިތުރުން އަތުލައިގަތް ފައިސާގެ ތަފްސީލަށް ބަލާއިރު، ޖުމުލަ 18 ގައުމެއްގެ ފައިސާ މީގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ ތެރޭގައި 174,161 ޔޫ.އެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނެ އެވެ. މި ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3,861,415.29 ރުފިޔާ (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ބަންގްލަދޭޝްގެ 6 މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޖޮއިންޓް ޓާސްކްފޯސްގެ އޮޕަރޭޝަނެއްގައި 3.86 މިލިއަން ރުފިިޔާގެ ބޭރު ފައިސާ އަތުލައިގެންފައިވާއިރު، ޑޮލަރުގެ ތާށިކަން ބޮޑުވެ، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް މައްޗަށް އުފުލިގެން ދަނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ޑޮލަރު ބޭރު ކުރާތީ ކަމަށް ސަރުކާރުން ބުނެ އެވެ. މިމައްސަލަ ހައްލު ކުރުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.