ޝަރުއީ ދާއިރާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެރޭ ކުރިއަށްގެންދިޔަ ޕީއެންސީގެ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަދުލުވެރިކަމަކީ ވަރަށް ފުން މާނައެއް އެކުލެވޭ ކަމެއް ކަމަށާއި އަދުލުވެރިކަމާއެކު ވެރިކަން ކުރާނަމަ ޝަރުއީ ދާއިރާ އޮންނަން ޖެހޭނީ މިނިވަންކޮށް ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ގޭގައި އަރާމުގައި ނިދާފައި އޮއްވާ ފަނޑިޔާރުން ގެންގޮސް ކިޑްނެޕްކޮށް ރަހީނު ކުރުމާއި، ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ސިޓިންގ ޖަޖުން ހައްޔަރުކޮށް ޖަލަށްލުން ފަދަ ކަންކަން ހިނގާފައިވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ތިއްބެވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ކެބިނެޓްގެ ގިނަ ވަޒީރުން އެދިވަޑައިގަތުމުން އެ ބޭފުޅުންގެ ހާލު ބައްލަވަން ވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރުން ކުޑަ ގޮޅީގައި ވަރަށް ހާލުގައި ތިއްބެވި މަންޒަރު އަމިއްލަފުޅަށް ތަޖުރިބާކުރެއްވި ކަމަށެވެ.
އަޅުގަނޑަށް ވަރަށް އުނދަގޫ އިހުސާސެއްވީ މި ތިބީ އެއް ބޭފުޅަކީ 30 އަހަރު ގައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއް. ވަރަށް ގިނަ ޚިދުމަތް ކުރައްވާފަ، ނޮވެންބަރު ތިނެއްގެ ހާދިސާގައި ގައުމު ސަލާމަތްކުރެއްވި ވެރިމީހާރައީސް މުއިއްޒު
ރައީސް މުއިއްޒު ވިދާޅުވީ 17 ނޮވެންބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު ޝަރުއީ ދާއިރާ މިނިވަންކުރެއްވި ކަމަށާއި، މިއަދާ ހަމައަށްވެސް އެ ދާއިރާއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
ރައީސް މުއިއްޒު މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު، މި ހާދިސާތައް ހިނގާދިޔައީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެދުވަސްވަރު އެމަނިކުފާނާ ހިޔާލުތަފާތުވާ ސިޔާސީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލައްވާފައިވެ އެވެ. އަދި ވަރަށް ބޮޑަށް މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، މީޑިއާތަކާއި، ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.
01 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފަނޑިޔާރުން ހައްޔަރުކުރި އެވެ. އަސްކަރިއްޔާއިން ސްޕްރީމްކޯޓުގެ ތެރެއަށް ޓިނު ނަގައިގެން ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ކޯޓްގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ.
ރައީސް މުއިއްޒު، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދެއްކެވިއިރު، އޭރު އެމަނިކުފާނު ހުންނެވީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި އެސަރުކާރު ދިފާއު ކުރެއްވުމުގަ އެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީވެސް ޔާމީންގެ އޭރުގެ ޕާޓީ ޕީޕީއެމްގެ ޓިކެޓްގައި، ޔާމީންގެ ފޮޓޯފުޅު ދައްކަވައިގެންނެވެ.