ދިވެހި ރައްޔިތުންގެ ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ވާހަކަދައްކާތީ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ އެމްޑީޕީ ޗެއަރޕާސަން އިންތިޚާބުގައި ރައީސް ނަޝީދު ފެނިގެން ދިޔައީ ރިޔާސީ އިންތިހާބެއްގެ ގޮތުގައި ވާދަކުރައްވަމުން ގެންދެވިތަން ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުން ބޭނުންވީ ރައީސް ނަޝީދުއާއެކީގައި އަލުން އައު ފެށުމަކުން ފަށަން ކަމަށް އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް ރައީސް ނަޝީދު ޗެއަރޕާސަން އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދައްކަވަން ފެއްޓެވި ވާހަކަފުޅަކުން ވަރަށް ގިނަ މީހުންނަށް މާޔޫސް ކަމެއް ގެނުވި ކަމަށާއި އެ މާޔޫސް ކަމުގެ ތެރޭގައި މީހުން ފެޔަށް ޖެހެމުން ޖެހެމުން ދިޔައީ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އެއީ ފުރަތަމަ ކޮޅު އައިސް ލިބިގެން ހަމަ އިންތިހާބު ކާމިޔާބު ކުރެވިގެން ބޭއްވި މުޒާހަރާގައި ވެސް މީހުން ނުކުންނަން ގޮވާލީމަ މީހުން ފޯރީގައި އައި. އެހެންނަމަވެސް އަނެއްކާ ވެސް ރައީސް ނަޝީދު ފަހަތައް ޖެހިވަޑަައިގެން ރާއްޖޭގެ ރައީސް ކަމާ ވާދަނުކުރައްވާ ޒާތުގެ ވާހަކަތަކެއް މަޑުމަޑުން ތިލަވާ ގޮތަކަށް ވާހަކަދައްކަން ފެށީމައި ވަރަށް ގިނަ އާންމު މެންބަރުން އެ ކުރި އުއްމީދު މަޑުމަޑުން ފަނޑުވާން ފެށިހެންއަހުމަދު ހަލީމް
މިހާރު އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ހުރި ބޭފުޅުންނަށް ވުރެ ބޮޑަށް އާންމުން ރައީސް ނަޝީދު ކުރިމަތި ލައްވާނެތޯ އޭނާ ކައިރި އަހަމުން ދާ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މީގެ އިތުރުން، އަހުމަދު ވަނީ ރައީސް ނަޝީދު ޕާޓީއާ ހަވާލުވި ފަހުން އެތެރޭގައި ހިނގަމުންދާ މަސައްކަތްތައް ވަރަށް ގިނަ ކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން ސަރުކާރުން ކުރިމަތި ކުރަމުންދާ އެކި ދަތިތަކާއި އެކުވެސް ވަރަށް އަވަހަށް އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.