ކުށްކުރާ މީހަކީ ކާކުތޯ ނުވަތަ ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ ނުބަލައި، ރާއްޖޭގައި ފުރިހަމަ މާނައިގައި އަދުލުވެރިކަން ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ކުރިއަށްގެންދިޔަ ޕީއެންސީގެ ކޮންގްރެސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމުކުރެވޭނީ އަދުލުވެރިކަން ފުރިހަމަ ގޮތުގައި ގާއިމުކުރެވިގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އަދުލުވެރިކަމަކީ އޭގެ ދެކޮޅުވެސް އޮންނަ ކަމެއް ކަމަށާއި، އެއްވެސް ގޮތަކަށް އަނިޔާވެރިވެގެން ނުވާނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދާ ޚިލާފަށް ރައްޔިތުންގެ ހައްގުތަކަށާއި މުދަލަށް އަރައިގަނެ، ކުށްތައް ކޮށްފައިވާ ފަރާތްތަކާ މެދު ގާނޫނުގެ ވެރިކަން ހިންގަން ޖެހޭނެ ކަމަށާއި، އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުން ނޫން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުށްކުރާ މީހަކަށް ކުށުގެ އަދަބު ލިބޭނެ. އެ މީހާއަކީ ކާކުތޯ، ކާކުގެ ދަރިއެއްތޯ، ކޮން ޕާޓީއަކަށް ނިސްބަތްވާ މީހެއްތޯ؟ އެހެނެއް ނުބަލާނެ
ރައީސް މުއިއްޒު

ސިޔާސީ ގޮތުން މީހުންނާ މެދު ފިޔަވަޅު ނާޅުއްވާކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމަށް ތިން އަހަރު ވެގެންދާއިރު ޖަލުގައި އެއްވެސް ސިޔާސީ ވެރިއަކު ނުހުންނާނެ ކަމަށާއި، އަދި އެއީ މީގެ ކުރިން މި ގައުމު ދުށް ކަމެއް ނޫން ކަމަށެވެ. އަދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ވެރިކަން ކުރަންޖެހޭ ގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވެރިކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

މީގެއިތުރުން، އަދުލުވެރިކަމާއެކު ވެރިކަން ކުރެވޭނީ ޝަރުއީ ދާއިރާ މިނިވަންވެގެން ކަމަށްވާތީ ރައީސް މުއިއްޒު ވަނީ މާޒީގައި ފަނޑިޔާރުން ގޭގައި ނިދާފައި ތިއްބައި ރަހީނުކުރުމާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލި ހާދިސާތަކަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.