ބ. ހިތާދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުން ދާތީ ހިތާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ބ. ހިތާދޫ ކައުންސިލްގެ ރައީސް ހާފިޒު ޚާލިދު ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ މަސައްކަތަކީ 2024 ވަނަ އަހަރު ފަށަން ހަމަޖެހިފައިވާ މަޝްރޫއެއް ނަމަވެސް އެ އަހަރު މަސައްކަތް ނުފެށޭ ކަމަށެވެ.
އެއަށްފަހު 2025 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތާދޫއަށް ވަޑައިގެން ރައްޔިތުންނަށް ބައްދަލުކުރުމުގެ ތެރޭގައި ގްރޭޑް 10 ގައި އުޅޭ ސްކޫލް ދަރިވަރުންތަކެއް ޓާފް ދަނޑެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒުއާ ހިއްސާކުރުމުން، އެ ދަރިވަރުން ޖީސީއީ އޯލެވަލް ހަދާ ނިމޭއިރު ދަނޑު ހަދާ ނިމި ކުޅެން ފެށޭނެ ކަމަށް ވިދާޅުވި ކަމަށް ހާފިޒް ވިދާޅުވި އެވެ.
ނަމަވެސް އެދަރިވަރުން އޯލެވަލް ނިމި، މި އަހަރުގެ ބެޗް ނިމެންދާއިރު ވެސް މަސައްކަތް ނުފެށި ލަސްވަމުން ދާތީ ހާފިޒް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެ އިތުރުން، ރައްޔިތުން ދަނޑު ހައްދަން ދޫކޮށްފައިވާ ބިންތަކެއް ދަނޑު ހަދަން ނަގާ ދަނޑުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން ހާފިޒް ފާހަގަކުރެއްވި އެވެ.
މި ސަރަހައްދު މިއީ ކުރީގައި ރައްޔިތުން ދަނޑު ހައްދަން ދޫކޮށްފައިވާ ބިންތަކެއް ދެން އެ ބިންތައް ވެސް ދަނޑު ޕްރޮޖެކްޓާއި ގުޅިގެން އެތަން ހުސް ކުރަން ރައްޔިތުންނަށް އަންގައިގެން ރައްޔިތުން އެތަން ހުސްކޮށްފައި، އޭރު ވިދާޅުވެފައި އިނީ ބަދަހި އިންވެސްޓްމެންޓުން ކޮންޓްރެކްޓާއި ހަވާލު ވާތާ އެއް މަސް ދުވަހުގެ ތެރޭގައި ފަށަން އެހެންވެގެން އޭރު ކައުންސިލުން އޮތީ އަންގާފައި މިތަން ހުސްކޮށްދެން. ދެން ރައްޔިތުން އެތަން ހުސްކޮށްގެން އެ ތިބެނީ އެއް އަހަރު ވީ އެއޮތީ ދެން ރައްޔިތުންގެ ޝަކުވާ ވެސް ވަރަށް އެބަ އާދޭހާފިޒު ޚާލިދު
މި މަޝްރޫއަކީ ބަދަހި އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަދާހަމަ ހޯދަން ސްޕޯޓްސް މިނިސްޓްރީއަށް ގުޅުމުން ބުނީ ދަނޑު ލަސްވަނީ ފިނޭންސް އިން ފައިސާ ހަމަނުޖެހިގެން ކަމަށް ހާފިޒް ވިދާޅުވި އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ދަނޑު ނިންމަދޭނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް ހާޒިޒް ވިދާޅުވި އެވެ.
ނަމަވެސް އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަން ވެސް ހާޒިފް ވަނީ ފާހަގަކުރައްވާފަ އެވެ.