މާލޭގެ އިރުމަތީ ފަރާތް، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު ހިލަގާތަކު ތެރޭގައި މީހަކު ތާށިވެފައި އޮތްކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ހަވީރު 17:16 އެހާކަންހާއިރު އެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެ މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގުޅިގެން ވަނީ ކޮށްފަ އެވެ. ދެ މުއައްސަސާ ގުޅިގެން ކުރި މަސައްކަތުން އެމީހާ ވަނީ ހިލަގާތަކުގެ ތެރެއިން ސަލާމަތްކޮށްފަ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހިލަގާތަކުގެ ތެރޭގައި ތާށިވެފައި ވަނިކޮށް ސަލާމަތްކުރީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ސަލާމަތްކުރުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.