ބ. ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރިތާ އަހަރެއްވީއިރު ވެސް އަމަލީ މަސައްކަތް ފަށާފައި ނުވާތީ ހިތާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބ. ހިތާދޫ ކައުންސިލްގެ ނައިބު ރައީސާ ސާމިއާ އަބްދުއްލަތީފް ވިދާޅުވީ ހިތާދޫގެ ސިއްހީ މަރުކަޒަށް އިމާރާތެއް އިތުރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. 

2025 އޮގަސްޓް 22 ގައި ރައީސް މުއިއްޒު ހިތާދޫއަށް ވަޑައިގެން ސިއްހީ މަރުކަޒު އައު އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކުރައްވާ އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށް ސާމިއާ ވިދާޅުވި އެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މި މަޝްރޫއަކީ ހިތާދޫއަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މިހާރު މި މަރުކަޒު ހިނގަމުންދާ އިމާރާތަކީ ވަރަށް ކުރީގެ 1980 ގެ އަހަރުތަކުގައި މިރަށުގައި ސްކޫލެއް ހިންގަން އޭރު އެޅި އިމާރާތެއް، ރައްޔިތުންގެ އިމާރާތެއް. މިހާރު ވަަރަށް ބާވެ ބޭނުން ނުކުރެވޭ ހާލަތުގައި އަނެއްހެން ފެންވެހުމާއި މިކަހަލަ ކުދިކުދި ކޮށްގެން މި އިމާރާތް މިދަނީ 
ސާމިއާ އަބްދުއްލަތީފް

މި މަޝްރޫއުގެ އަދާހަމަ ހޯދަން ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި ބައްދަލުކުރުމުން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް އުއްމީދެއް އަދި ކުލަވަރެއް ފެންނަން ނެތް ކަމަށް ސާމިއާ ވިދާޅުވި އެވެ. 

މީގެ އިތުރުން، މި މަޝްރޫއު ހިންގުމަށް ސަރުކާރަށް ކައުންސިލްގެ ފަރާތުން އެއްވެސް ދައްޗެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށާއި، އައު އިމާރަތް އަޅަން ބިން ވެސް ހަވާލުކޮށްފައިވާނެ ކަމަށް ސާމިއާ ވިދާޅުވި އެވެ.