ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގަމުންދާ މަންޒަރު ދެއްކި މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

17 ސެޕްޓެންބަރު 2026 ގައި މި ހުކުމް ކޮށްފައިވަނީ އަހުމަދު ނައީމް ކިޔާ މީހެއްގެ މައްޗަށެވެ. 

ޝަރީއަތް ނިމުނު ގޮތަށް ބަލާއިރު ކޯޓުން ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޙްމަދު ނަޢީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާފަ އެވެ. އަދި މި ކުށުގެ އުގޫބާތެއްގެ ގޮތުން އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން 07 އަހަރުގެ މުއްދަތަށް ޖަލަށްލުމަށް މި މައްސަލަ ބެއްލެވި ގާޒީ ވަނީ ހުކުމް ކުރައްވާފަ އެވެ. 

މީގެ އިތުރުން އަހުމަދު ނައީމްގެ މައްޗަށް ދައުލަތުން އުފުލި "ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ" ދެ ދައުވާއެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. 

ނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މިއިން އެއްވެސް ދައުވާއެއް ޝަރީއަތަށް ސާބިތުވެފައިނުވެ އެވެ، 

އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ ވަނީ އެ ދެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅުއްވާފަ އެވެ.

މި މައްސަލަތަކަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލަތަކަކަށްވާތީ، ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓު ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައެއް ނުވެ އެވެ.