ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި "މަތީ މަޖިލިސް" ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދެއްކި 10 ބިލިއަން ރުފިޔާއަކީ އޭގެ ކުރީގެ 9 އަހަރު ދުވަހުގެ ތެރޭގައި ދައްކާފައިވާ މިންވަރާ އެއްވަރުގެ އަދަދެއް ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒަރީރު ދެއްވި ޕްރެޒެންޓޭޝަނެއްގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުން ދަރަންޏާއި ތެލަށް ކުރަން ޖެހުނު ހޭދައިގެ ތަފުސީލުތައް ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން، މި ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވުން އެންމެ ބޮޑު ޚަރަދެއް ހިނގާފައި ވަނީ ތެލާއި ދަރަނި ދެއްކުމަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހިއްސާކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެކަނިވެސް ތެލަށް 831 މިލިއަން ޑޮލަރު ހޭދަވިއިރު، އޭގެ ފަހުން ވޭތުވެދިޔަ ތިން އަހަރު ވެސް އެ އަދަދު އުޅެނީ 700 މިލިއަން ޑޮލަރަށް ވުރެ މަތީ ގައެވެ.

ނަމަވެސް، މި އަހަރުގެ މިހާތަނަށް ތެލަށް ކުރި ހޭދަ ވަނީ ނިސްބަތުން ދަށްކުރެވިފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ތެލަށް ހޭދަވެފައިވަނީ 683 މިލިއަން ޑޮލަރެވެ.