ސިއްރު ވޯޓެއް ނެގި ނަމަ ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިނުގަންނަވާނެ ކަމަށް ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ ޕީއެންސީގެ އަމަލުތައް މިހާރު ފެނިގެން ދަނީ ވަރަށް ހުދުމުހުތާރު ގޮތަކަށް ކަމަށެވެ. އެގޮތުން ޕީއެންސީއަށް މެންބަރުން އިތުރުކުރަމުން ދަނީ ވެސް އެ ފަދައިން ކަމަށާއި އެކަން މިއަދު ދިވެހި ރައްޔިތުންނަށް ފެންނަމުންދާ ކަމަށެވެ.

ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒު އަށް ރިޔާސީ ޓިކެޓު ދިނުމަށް ހުށަހެޅި ގަރާރަށް ވޯޓު ދިނުން އޮތީ ކޮންގްރެސްގެ ބައިވެރިން އަތް ނަގައިގެންކަން ފާހަގަކުރައްވައި އަހުމަދު ވިދާޅުވީ ސިއްރު ވޯޓެއް ނަމަ ރައީސް މުއިއްޒުއަށް ކެންޑިޑެންސީ ދޭން ބޭނުން ނުވާ އެތައް ބަޔަކު އެ ޕާޓީގައި އެބަތިބި ކަމަށެވެ. 

އެތެރޭގައި ވެސް ސިއްރު ވޯޓެއް ލީނަމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މުއިއްޒުއަކަށް ކެންޑިޑެންސީ ލިބޭނެ ކަމަކަށް، ސަބަބަކީ އަޅުގަނޑާ ވެސް އެބަ ދިމާވޭ ބައިވަރު ޕީއެންސީގެ އާންމު މެންބަރުންނާއި ވެސް އެބޭފުޅުންގެ ތެރޭގައި ލީޑަރޝިޕްގައި އުޅުއްވާ ބޭފުޅުންނާއި ވެސް އެބޭފުޅުން ވެސް ވެސް ގަބޫލުކުރައްވާ 2028 ވަނަ އަހަރު ދެން މި ރާއްޖޭގެ ވެރިކަމަށް މުއިއްޒު ނާންނާނެކަން އެހެންވީމަ އެބޭފުޅުން ވެސް ބޭނުން ކެނޑިޑޭޓު ބަދަލުކުރަން 
އަހުމަދު ހަލީމް (ދޮންބިލެތް)

އަހުމަދު ވިދާޅުވީ ޕީއެންސީ ކޮންގްރެސްގައި ގަރާރަށް ވޯޓުލާ ނިމުނު ފަހުން ވެސް އެތައް މެންބަރުންނެއް ވަޒީފާގެ ބިރަށް އަތް ނަގައިގެން ތިބި ކަމަށެވެ. ސަބަބަކީ ވޯޓު ލި ގަޑީ ފޮޓޯ އަދި ވީޑިއޯ ނަގަމުން ދިޔުމުން، އެތަނުން ފޮޓޯއަކަށް އަތް ތިރިކޮށްގެން ހުއްޓާ އަރާފާނެތީ ކަމަށް އަހުމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، އޭނާ ހައިރާން ވީ ވޯޓެއް ނެގީމަ ކަމަށާއި ވޯޓެއް ނުނަގާ އެކަން ކުރިނަމަ މާރަނގަޅު ވީސް ކަމަށް އަހުމަދު ވިދާޅުވި އެވެ. 

ބުރާސްފަތި ދުވަހު އޮތް ޕީއެންސީގެ ކޮންގްރެސްގައި ވަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް 2028 ވަނަ އަހަރުގެ އެޕާޓީގެ ރިޔާސީ ޓިކެޓު ދިނުމަށް ހުށަހެޅި ގަރާރު ކޮންގްރެސްގަައި ބައިވެރިވި 1119 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.