ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މަސްވެރިކަމާއި ސަލާމަތީ އަދި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި ބޭއްވި ތިންވަނަ ސްޓްރެޓީޖިކް ޑައިލޮގްގައި އެއްބަސްވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އިއްޔެ ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އެވެ. އިނގިރޭސިވިލާތުގެ ފަރާތުން މި ވަފުދުގައި އިސްކޮށް ހުންނެވީ އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރ ފޯރ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން ލޯރާ ބޯފިލްސް އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ދިފާއީ ގުޅުން ވަރުގަދަކުރުމާއި ކަނޑުމަތީގެ ސަލާމަތްތެރިކަން ދެމެހެއްޓުމާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ފުލުހުންނާއި ދިފާއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަމާއި ތަމްރީނު ދިނުމަށް އިނގިރޭސިވިލާތުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކުރުމާއި ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސް އޮފިޝަލުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުމަށް އަލިއަޅުވާލަމުން، ރާއްޖެއިން އިނގިރޭސިވިލާތަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ، 20 މެއި 2026 އިން ފެށިގެން 31 ޑިސެންބަރު 2028 ގެ ނިޔަލަށް ކަނޑާލަން ނިންމި ނިންމުމަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފަ އެވެ. މި ބައްދަލުވުމުގައި މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައާއި މާލީ ހިދުމަތްތަކުގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް މަޝްވަރާކުރެވުނެވެ. މިގޮތުން ވޭތުވެދިޔަ އަހަރު އިނގިރޭސިވިލާތުން ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ދެ ފަރާތުން ވެސް ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދޭ ޗީވްނިންގ އަދި ކޮމަންވެލްތު ސްކޮލަރޝިޕްގެ މުހިންމު ދައުރު މި ބައްދަލުވުމުގައި ފާހަގަކުރި އެވެ. ހަމައެއާއެކު، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، 'އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް' ގެ ދަށުން ކަނޑުތައް ހިމާޔަތްކުރުމަށާއި ކުރިއަށް އޮތް ކޮޕް31 ސަމިޓަށް ގުޅިގެން ތައްޔާރުވުމަށް ދެ ގައުމުން ވަނީ ނިންމާފަ އެވެ.

މި މަޝްވަރާތައް ނިންމާލާފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި، ކޮންމެ އަހަރަކު ވެސް މިފަދަ ސްޓްރެޓީޖިކް ޑައިލޮގެއް ބޭއްވުމަށާއި އދ. އަދި ކޮމަންވެލްތު ފަދަ ބައިނަލްއަގުވާމީ މައިދާންތަކުގައި ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އެއްބަސްވަމުންނެވެ.