ދިވެހިރާއްޖޭގެ ރަސްމީ ރިޒާވްގައި 643.8 މިލިއަން އެމެރިކާ ޑޮލަރު ހުރި ނަމަވެސް، އޭގެ ތެރެއިން މިވަގުތު ބޭނުންކުރެވޭ ގޮތަށް ހުރީ 200.6 މިލިއަން ޑޮލަރު ކަމަށާއި، އެއީ އެންމެ 18 ދުވަހުގެ އިމްޕޯޓަށް ފުދޭ މިންވަރު ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ޒަރިޔަންދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ރިޒާވުން އަދާކޮށްފިނަމަ، ބޭނުންކުރެވޭ ރިޒާވްގެ އަދަދު 150 މިލިއަން ޑޮލަރަށް ތިރިވާނެ އެވެ. އަދި އެއީ އެންމެ ދެ ހަފުތާގެ އިމްޕޯޓަށް ބޭނުންވާނެ މިންވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖުލައި މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 638 މިލިއަން ޑޮލަރު ހުރިއިރު، އޮގަސްޓް މަހުގެ ނިޔަލަށް އެ އަދަދު ވަނީ 643.8 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. ނަމަވެސް، ހަމަ އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް ވަނީ 221.9 މިލިއަން ޑޮލަރުން 200.6 މިލިއަން ޑޮލަރަށް، ނުވަތަ 9.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. މި ފައިސާ އަނބުރާ ދައްކަން ޖެހިފައި މިވަނީ ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވަަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކްސްގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ސަރުކާރަށް ދައްކަންޖެހޭ 50 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް ދެއްކުމުގެ ސަބަބުން، ކާބޯތަކެތީގެ ބާވަތްތަކާއި ތެލާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާ، ސަރުކާރުގެ އަތުގައި އެކަށީގެންވާ މިންވަރަށް ނުހުންނާނެ ކަމަށެވެ.

ނަމަވެސް، ފިނޭންސް މިނިސްޓަރު މުހައްމަދު ޒަރީރު ވިދާޅުވީ،  އެސްބީއައި އިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނުގެ އެންމެ ފަހު އިންސްޓޯލްމެންޓަށްވާ 50 މިލިއަން ޑޮލަރު ދެއްކި ނަމަވެސް ތެލާއި އަސާސީ މުދާ އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރު ޒަރީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގައި ސަރުކާރުން އަންނަނީ ދުރާލައި ޕްލޭންކޮށްގެންނާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކޮށްގެން، ދަރަނީގެ ޒިންމާތައް މެނޭޖްކުރަމުން ކަމަށެވެ. އަދި އެއްވެސް ބުރުލެއް ނާރުވައި، ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސް އިމްޕޯޓްކުރާނެ އިންތިޒާމް ސަރުކާރުން ކަށަވަރުކޮށްފައިވާ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައި، އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ބަޖެޓް ސަޕޯޓުގެ ގޮތުގައި ހަމަޖެއްސި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން ވަނީ އެއްކޮށް އަނބުރާ ދައްކާ ހަލާސްކޮށްފަ އެވެ.