ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށާއި، އެތަކެތި އެތެރެކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުގައި އެބަހުރި ކަމަށް މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް ފައިސާ ބޭނުންކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާ ހުސްވެފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ސަރުކާރުން ދަރަނި ދައްކަމުންދަނީ ޒިންމާދާރުކަމާއެކު، ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކީގައި ކަމަށެވެ. އަދި ދަރަނި އަދާކުރުމަށް ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކާ އެއްގޮތަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

މީގެއިތުރުން، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫން ވެސް ޒަރޫރީ އެންމެހައި މުދަލާއި ބޭސް އެތެރެކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ސަރުކާރުން ފުރިހަމައަށް ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ދަރަނިތައް އަދާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން، ނިމިދިޔަ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނަގާފައިވާ ޓްރެޜަރީ ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ނަގާފައިވާ ޓްރެޜަރީ ބިލްތަކުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކައި، އެ ދަރަނި ސަރުކާރުން މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ.

މި ފިޔަވަޅުތަކާއެކު، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، ދަރަނިތައް ބެލެހެއްޓުމުގައި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.

ނަމަވެސް ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން ކަމަށާއި، ޓީ ބިލް ދެއްކީ އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އަތުގައި ހުރި ހުރިހާ ޑޮލަރަކުން ޓީ ބިލް ދެއްކުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށާއި މިއީ އަތްޖަހައި، ސިޔާސީ ޕޮއިންޓު ހޯދަންވީ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފަ އެވެ.