"ޓަސްލާފައި އައްޑޫގައި" ގެ އޮފިޝަލް ޓީވީ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފި އެވެ.

މިއަހަރު "ޓަސްލާފައި އައްޑޫގައި" ގެ ކުރިއަށް ދަނީ 5 ވަނަ އެޑިޝަން އެވެ. އެގޮތުން ޓަސްލާފައި އުފެދިގެން އައީ މިޔުޒިކަށް ހާއްސަކޮށް ބާއްވާ ޝޯތައް މަދުވުމާއި ގުޅިގެން 3 ބޭންޑެެއް އެއްވެގެން ބޭއްވި ޝޯއަށް ބޮޑު ތަރުހީބެއް ލިބިގެން ދިއުމުން ކަމަށް ޓަސްލާފައިގެ ފައުންޑަރ އަހުމަދު ފަސީހު ވިދާޅުވި އެވެ.
އައްޑޫގައި ބާއްވާ މި ފެސްޓިވަލުގައި ގިނަ ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް ފަސީހު ވިދާޅުވި އެވެ. އަދި މި ފެސްޓިވަލު އޮކްޓޫބަރު 1-2 އަށް ކުރިއަށްދާއިރު، މި ފެސްޓިވަލުގައި ދުވާލު ގަޑީ ކުރިއަށްދާ ހަރަކާތްތަކަށް ހިލޭ ވަދެވޭނެ އެވެ. މި ހަރަކާތްތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމާއި، ފޯމް ޕާޓީ، ސަގާފީ ނެށުމާއި، ގޭމް އަދި ޗެލަންޖްތަކުގެ އިތުރުން ސްކޭޓިންގ އަދި އެކިއެކި ސްޓޯލްތައް ހުންނާނެ އެވެ.

"ޓަސްލާފައި އައްޑޫގައި" ފެސްޓިވަލުގައި ކުރިއަށްދާ ހަރަކާތްތައް|ސޯޝަލް މީޑިއާ
މީގެ އިތުރުން ރޭގަނޑު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި އޮޕަން އެއަރ މޫވީ އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޭންޑްތަކާއި ބޮޑުބެރު ގުރޫޕްތަކުގެ ހުށަހެޅުންތައް އޮންނާނެ އެވެ. މި ހަރަކާތްތައް ބެލުމަށް ޓިކެޓް ނަގަން ޖެހޭނެ އެވެ.
ޓިކެޓް ގަނެގެން އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު އޮތް މި ފެސްޓިވަލް ކުރިއަށް ދާނީ އައްޑޫ މަރަދޫފޭދޫގަ އެވެ.