ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ތިނަކުން ދޫކޮށްފައިވާ ގޯތިތަކުގެ 86 އިންސައްތަ ބިން ހަވާލުކޮށް ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފި އެވެ. 

ބުރާސްފަތި ދުވަހު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމުން، އެ ފަރާތްތަކަށް ލިބިފައިވާ ބިމުގެ ސަރަހައްދު ސާފުކޮށް، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އައުމަށް މިނިސްޓްރީއިން އެ ފަރާތްތަކަށް އަންގާނެ ކަމަށެވެ. 

އެގޮތުން، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން 698 ގޯތި ދޫކުރަން ނިންމާފައިވާއިރު، މިހާތަނަށް 641 ގޯޗެއްގެ ރަޖިސްޓްރީ ވަނީ ދޫކޮށްފަ އެވެ. އަދި 603 ބިން ހަވާލުކޮށްފައިވާ ކަމަށް ވެސް ހައުސިންގ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

ބިންވެރިޔާ ސްކީމަކީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށްޓަކައި، މާލޭގެ ރައްޔިތުންނަށް ހުޅުމާލެ، ގުޅީފަޅު، އަދި ގިރާވަރުފަޅުން ހިލޭ ބަންޑާރަ ގޯތި ދޫކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ބޮޑު މަޝްރޫއެކެވެ.