ޓީ ބިލް ދައްކަން ޖެހުނީ ރޯލް އޮވަރ ނުކުރެވުމުން ކަމަށާއި، ޓީ ބިލް ދެއްކީ އަތުގައި ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރެއް ނެތް ކަމަށެވެ. އަދި އާންމުންގެ ޓްރާންސްފަތަކާއި ޓީޓީ ވެސް ހުއްޓިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން އަތުގައި ހުރި ހުރިހާ ޑޮލަރަކުން ޓީ ބިލް ދެއްކުމުގެ ނަތީޖާއަކީ ރާއްޖޭގެ އިގުތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށާއި މިއީ އަތްޖަހައި، ސިޔާސީ ޕޮއިންޓު ހޯދަންވީ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަަަމަށް ވަޑައިގަންނަވަމުން ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދިވެހިންނަށް ލުއި ގޮތް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް ރައްޔިތުންނަށް ކަންކަން ދަނީ ހައްތަހާ ބުރަވަމުން ކަމަށެވެ.
ދިވެހި ސަރުކާރުން 2019 ވަނަ އަހަރު އެކިފަހަރު މަތިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހު ބުނެފަ އެވެ.