ރާއްޖޭގެ ޖަލުތަކުގައި ތިބި ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން ލަސްވުމުގެ މައިގަނޑު ސަބަބަކަށްވަނީ އެ މީހުން ހޮސްޕިޓަލަށް
ގެންދާނެ ޖަލު އޮފިސަރުން ނެތުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން
އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފި އެވެ.

އެޗްއާރްސީއެމް އިން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ
ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުން ލަސްވުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ގައިދީން ހޮސްޕިޓަލަށް ގެންދާނެ އޮފިސަރުން
ނެތުމަކީ ކޮންމެ އަހަރަކު ވެސް ފަރުވާ ލަސްވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ސަބަބެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024
އިން ފެށިގެން މި އަހަރުގެ ޖުލައި 31 ވަނަ
ދުވަހުގެ ނިޔަލަށް ފަރުވާ ލަސްވި ސަބަބުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ
އެފަދަ އޮފިސަރުން ނެތުމުގެ ސަބަބުން ލަސްވި މައްސަލަތަކެވެ. އެގޮތުން މި
އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހުށަހަޅައިފައިވާ މައްސަލަތަކުގެ 63.2
އިންސައްތައަކީ ވެސް އެފަދަ މައްސަލަތައް ކަމަށް ކޮމިޝަނުން ފާހަގަ ކުރެ އެވެ.

ފަރުވާ ލަސްވުމުގެ ދެވަނައަށް އެންމެ އާންމު ސަބަބަކަށް
ފާހަގަކުރެވިފައިވަނީ ހާއްސަ ޑޮކްޓަރުން ނުވަތަ ސްޕެޝަލިސްޓްންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް
ލިބުން ލަސްވުމެވެ.

މީގެ އިތުރުން، އިދާރީ ގޮތުން އަރާ އޮޅުމުގެ ސަބަބުން
ފަރުވާ ލަސްވުމުގެ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާކަން އެޗްއާރްސީއެމް އިން ފާހަގަކުރެ
އެވެ.

މާފުށީ ޖަލުން އެކަނީގެންވާ ސިއްހީ ޚިދުމަތް ލިބެން
ނެތުމާއި، ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސް ބައިތިއްބާނެ އެކަށީގެންވާ ޖާގަ ނެތުމަކީ ވެސް
ފަރުވާ ލަސްވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ހާމަކުރެ
އެވެ.

ޖަލުތަކުގައި ތިބި ފަރާތްތަކަށް ސިއްހީ ފަރުވާ
ފޯރުކޮށްދިނުމުގައި ދިމާވާ މި ދަތިތައް ހައްލުކުރުމަށް ކަރެކްޝަނަލް ސަރވިސް އިން ފިޔަވަޅު
އަޅަންޖެހޭކަމަށް ވެސް އެޗްއާރްސީއެމް އިން ބުނެ އެވެ.