މިހާރުގެ
ސަރުކާރަށް ބަޖެޓުގެ 95 އިންސައްތަ ލިބޭއިރު، ކައުންސިލުތަކަށް ލިބޭ 5 އިންސައްތައިން
ކުރެވޭ ވަރުގެ މަސައްކަތްވެސް ނުކުރެވޭ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް
އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މި ސަރުކާރަށް
އެއްވެސް ކަމެއް ނުކޮށްދެވޭ ކަމަށާއި، އަދި ނުކޮށްދެވޭއިރު އަބަދުވެސް ކޮންމެވެސް ބައެއްގެ
ބޮލުގައި އެ ބަދުނާމު އެޅުވުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ
މިއަދު ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ނެތް ކަމަށާއި، ހިނގާ ކުދިކުދި މަޝްރޫއުތަކަކީ ވެސް
ކައުންސިލުތަކަށް ލިބޭ 5 އިންސައްތައިގެ ބަޖެޓުން ހިންގާ މަޝްރޫއުތައް ކަމަށެވެ. ވީއިރު
ސަރުކާރަށް ބަޖެޓުގެ ބާކީ 95 އިންސައްތަ ލިބި މަސައްކަތެއް ނުކުރެވުމަކީ ހިތާމަހުރި
ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު އާޒިމް
ފާހަގަކުރެއްވީ މިއަދު މާލޭ ސިޓީން އެކަނި ވެސް ކައުންސިލަށް ލިބޭ ބަޖެޓުން ގިނަ މަސައްކަތްތަކެއް
ކުރަމުންދާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް
ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން
ކުރާހާވެސް ކަމަކީ ބޭކާރު ޚަރަދު ކުރުން ކަމަށާއި، އަދި އެކަމުގެ ހުރިހާ ގެއްލުމެއް
ވަނީ އާންމު ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިތަކަށް ކަމަށް ވެސް އާޒިމް ވިދާޅުވި
އެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ނަތީޖާއަކީ ރައްޔިތުން އިތުރަށް ބިކަވެގެން
ދިއުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

އާޒިމް
އިތުރަށް ވިދާޅުވީ، ސަރުކާރުން ކުރާހާ ވެސް ކަމަކީ ކުއްލިއަކަށް އައު ސިޔާސަތުތައް އެކުލަވާލައިގެން
ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށެވެ.

ސަރުކާރުން
ބުނަމުންދަނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި، ރައްޔިތުންގެ ބޭނުންތަކަށް
ބަޖެޓް ޚަރަދުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތަކާއި މަސައްކަތްތަކާ
ދެކޮޅަށް ވަރަށް ގިނަ ފަރާތްތަކުން ފާޑުކިޔަމުން އަންނައިރު، ރަށްރަށުގައި ހުރި އެތައް
މަޝްރޫއެއް މިއަދު ހުއްޓިފައިވާތީ އެ ރަށްރަށުގެ ރައްޔިތުންވެސް ގެންދަނީ
ފާޑުކިޔަމުންނެވެ.