މައްކާ އަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ނުރައްކާތެރި ޑްރޯން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގެ އެންމެ މާތްވެގެންވާ މުގައްދަސް ބިމުގެ ހުރުމަތް ކެނޑުމަށާއި އަމަންއަމާންކަން ނަގާލުމަށް ހިންގާ މިފަދަ ފިނޑި އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިއީ މުޅި އިސްލާމީ އުންމަތުގެ ކަރާމާތަށް ކުރިމަތިކުރެވޭ ވަރަށް ބޮޑު ގޮންޖެހުމަކާއި ފުރައްސާރައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ނާޒުކު ދަނޑިވަޅުގައި، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާ އެކު ފުރިހަމަ އެއްބައިވަންތަކަންމަތީގައިކަން ރައީސް މުއިއްޒު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

މީގެއިތުރުން، މާތްވެގެންވާ ހަރަމްފުޅާއި، އެ ސިޓީގެ ރައްޔިތުންގެ އިތުރުން އަޅުކަމަށް ގޮސްއުޅޭ ހައްޖުވެރިންނާއި އުމްރާވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ރޯޔަލް ސައުދީ އެއަރ ޑިފެންސް ފޯސަސްއިން ދެއްކެވި ހުށިޔާރުކަމަށާއި އެޅުއްވި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތައުރީފުކުރައްވާފަ އެވެ.

ރައީސް މުއިއްޒުގެ މެސެޖު ނިންމަވާލައްވަމުން، މިފަދަ ޣައިރު ޤާނޫނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދީ، ކަމާގުޅުންހުރި އެންމެހައި ފަރާތްތަކުން ސުލްހަވެރިކަމާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ވެސް ރައީސް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.