ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލުގެންނަ ގައުމަކަށް ވުމުން، ރާއްޖޭގައި އިންވެސްޓު ކުރަން ރައްކާތެރި ނޫން ކަމަށާއި، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރީގެ ޓޫރިޒަމް އެޑްވައިޒަރު އަދި މަންޓަ އެއަރގެ ސީއީއޯ މުހައްމަދު ޚަލީލު ވިދާޅުވެއްޖެ އެވެ.  

ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ޚަލީލު ވިދާޅުވީ ކުއްލި ކުއްލިއަށް ބޮޑެތި ނިންމުންތައް ނިންމައި އައު ސިޔާސަތުތައް ތަންފީޒުކޮށް، ގަވާއިދުތައް ބަދަލުކުރުމުގެ ސަބަބުން، އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮންނަ އިތުބާރު ގެއްލޭ ވާހަކައަކީ އައު ވާހަކައެއް ނޫން ކަމަށް ޚަލީލު ވިދާޅުވި އެވެ. 

އެގޮތުން، ޑޮލަރުން ލިބޭ އަަމްދަނީގެ 40 އިންސައްތަ މާރުކުރުވާ އިސްލާހު ތަންފީޒުކޮށް، ހުރިހާ ކަމެއް ނިންމީ އެންމެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށާއި، މިއީ އެހެން އެއްވެސް ގައުމެއްގައި ގާނޫނުތަކަށް ބަދަލު ގެންނަ ގޮތެއް ނޫން ކަމަށް ޚަލީލު ވިދާޅުވި އެވެ.

ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ޓޫރިޒަމް ދާއިރާއާ މަޝްވަރާ ކުރުމެއް ނެތި ގާނޫނަށް ބަދަލުގެނެސް، ކުރު މުއްދަތެއްގެ ތެރޭގައި ރައީސް މުއިއްޒު މި ގާނޫނު ތަންފީޒު ކުރެއްވުމާ ގުޅިގެން ޚަލީލު ވިދާޅުވީ، މިއީ އިންވެސްޓަރުންގެ ކޮންފިޑެންސަށް ވަރަށް ބޮޑަށް އަސަރު ފޯރުވާ ކަންކަން ކަމަށާއި، އެހެން ގޮތަކަށް ބުނާ ނަމަ މިއީ ކެޕިޓަލް ކޮންޓްރޯލް ކަމަށެވެ. 

ގާނޫނަށް މިފަދަ ބޮޑެތި ބަދަލުތައް ގެންނަމުން ދިޔުމާއި، ސަރުކާރުގެ ސިޔާސަތު ހުރި ގޮތުގެ ސަބަބުން ހަލީލް އިސް މަގާމުތައް އަދާކުރައްވާ ކުންފުނިތަކުގެ ބޯޑުތަކުން ދެން ދުވަހަކު ވެސް ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއަކީ 24 ގަޑިއިރު ތެރޭގައި ގާނުނެއް ބަދަލުކޮށް ތަންފީޒު ކުރާ ގައުމެއް ކަން ވެސް ޚަލީލު ފާހަގަކުރެއްވި އެވެ. 

ޚަލީލު ވިދާޅުވީ ޑޮލަރުން ލިބޭ އާމްދަނީން މާރުކުރަންޖެހޭ އިންސައްތަ 40ށް ބޮޑު ނުކޮށް، ކުރިން ވެސް އޮތް ގޮތަށް 20 އިންސައްތައިގައި ބެހެއްޓުމަށް ރައީސް މުއިއްޒު އަށް އޭނާ ލަފާ އެރުވި ކަމަށެވެ. 

މީގެފަހުން އެ ފަރާތްތަކުގެ އުޖޫރައާއި ސާވިސް ޗާޖު ޑޮލަރުން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން. ރައީސް އާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެއް، އާމްދަނީގެ 40 އިންސައްތަ ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް އުސޫލުގެ ސަބަބުން، ރާއްޖޭގެ އެއްވެސް ރަށަކުން ނުވަތަ ބިމަކުން މުދަލެއް ގަތުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަން ރައީސަށް ތަފްސީލުކޮށްދެއްވިން
މުހައްމަދު ޚަލީލު

މީގެ އިތުރުން، ޚަލީލު ވަނީ ސަރުކާރުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.