މުޅިރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ތަފާތު ހާދިސާތައް ހިނގަމުންދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ބުދަ ދުވަހުގެ ހެނދުނު 10:00ން ބުރާސްފަތި ދުވަހުގެ 10:00ށް އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 5 ނުވަތަ 7 ފޫޓު ހުންނާނެ ކަމަށެވެ.

ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބުދަ ދުވަހު ވަނީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހިފަ އެވެ. 

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކޮށްފައިވެ އެވެ. 

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، ބ. އޭދަފުށީގެ އިރުދެކުނުން 4 ނޯޓިކަލް މޭލު ބޭރުން ދޯންޏެއް އަރިއަޅައިލައި، ލަކުޑިފަތިތަކެއް ކަނޑަށް އެޅި އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 

މި ތަކެތި އޮޔާދާކަމަށް ލަފާކުރެވެނީ އިރުމައްޗަށް ކަމަށާއި، އެހެންކަމުން، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް، ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް އެދިފައިވެ އެވެ.